ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ޑޯޓުމަންޑުގެ އާލިން ބްރައުޓް ހާލަންޑް ބާސެލޯނާއަށް ދިއުން ވަރަށް ގާތް ކަމަށް ސްޕެއިންގެ ފުޓުބޯޅަ ތަޖުރިބާކާރު ގުއިލެމް ބަލާގު ބުނެފިއެވެ.
ޑޯޓުމަންޑާއެކު ހާލަންޑް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާގެ ރިލީސް ފީއަކީ 75 މިލިއަން ޔޫރޯއެވެ. 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކޮންޓްރެކް ހަމަވާއިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ހާލަންޑް އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް އެޖެންޓް މިނޯ ރައިއޯލާވެސް ވަނީ ބުނެފައެވެ.
"ބާސާއިން ހާލަންޑް ގެންދަން ކުރަންޖެހޭ ކަމަކީ ބޮޑެތި މުސާރަތައް ކުޑަކޮށް، ބޮޑެތި ކުޅުންތެރިން ދޫކޮށްލަން ޖެހޭނެ. އެކަން ކުރަން ބާސާއިން މަސައްކަތް އެބަކުރޭ. އެކަން އޭރުން ކުރެވެންވެސް ކުރެވޭނެ. ބާސާ އޮތީ އުންމީދާ އެކުގައި،" ބަލާގު ބުންޏެވެ.
ބާސާގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްކޮށް އޮތްއިރު، އެޓީމަށް ގެންދާ ކުޅުންތެރިން ރަޖިސްޓްރީ ކުރަންވެސް އުނދަގޫތަކާ ދިމާވެއެވެ. އެގޮތަށް އުނދަގޫތަކާ ދިމާވެގެން ދަނީ ބާސާގެ މުސާރަތައް ހިފެހެއްޓުމަށް ލަލީގާއިން އަންގާފައިވާތީ، މުސާރަތައް މާލީ ސިސްޓަމްގެ ތެރެއަށް ފައްތަން ޖެހޭތީއެވެ. ދާދިފަހުން ކްލަބަށް 46.3 މިލިއަން ޕައުންޑަށް ގެންދިޔަ ފެރަން ޓޮރެސްވެސް އަދި ރަޖިސްޓްރީ ކުރެވިފައެއް ނުވެއެވެ.
ފައިސާގެ ހާލަތު ގޯސްކަމުން ބާސާއިން މިދިޔަ ސީޒަންގައި ކްލަބުގެ ލެޖެންޑް ލިއޮނަލް މެސީވެސް ފޮނުވާލާފައިވާއިރު، އެޓީމުން މަސައްކަތް ކުރަމުން ދަނީ ޒުވާން ސްކޮޑަކާއެކު އާ ޖީލެއް ބިނާ ކުރުމަށެވެ. ބަލާގުގެ ނަޒަރުގައި ބާސާގެ އާ ރައީސް ލަޕޯޓާ އެކަން ހާސިލުކުރާނެއެވެ.
"ލަޕޯޓާ ވިއްކަނީ އުފާވެރި މުސްތަގުބަލެއް. ބާސާއިން މިހާރު ލޯން ފައިނަލައިޒް ކުރަމުން އެދަނީ އެމެރިކަން އިންވެސްޓްމެންޓް ބޭންކް ގޯލްޑްމަން ސަޗްސްއިން 1.5 ބިލިއަން ޔޫރޯގެ. އެ ބޭނުން ކުރާނެ ކަމަށް ބެލެވެނީ އާ ސްޓޭޑިއަމްއެއް ބިނާކުރުމަށް. އެ ލޯނު އެއްވެގެން މިދަނީ ދާދި ފަހުން ލަލީގާއިން ނެގި 595 މިލިއަން ޔުރޯގެ ލޯނަށް. އޭގެ ލަޕޯޓާ ބޭނުން ކުރާނެ 1.3 ބިލިއަން ޔޫރޯގެ ދަރަނި އަދާކުރަން. އެ ލޯނު އަދާކުރަން ލަޕޯޓާ ވިސްނަނީ ކްލަބަށް ހާލަންޑް ކަހަލަ ބޮޑެތި ކުޅުންތެރިން ގެންގޮސް، ކްލަބުގެ ބްރޭންޑް އަގު މަތިކޮށްގެން،" ބަލާގު ބުންޏެވެ.
ބަލާގުގެ ނަޒަރުގައި ބާސާއިން ފިލިޕް ކުޓީނިއޯއާއި ސަމިއުލް އުމިޓީޓީ، ސާޖިއޯ ޑެސްޓްގެ އިތުރުން ކްލެމެންޓް ލެންގްލެޓް އަދި ފްރޭންކް ޑި ޔޯންގް ފަދަ ކުޅުންތެރިން ބާސާއިން ފޮނުވާލާނެއެވެ. ހާލަންޑް ގެންދަން އެފަދަ ގުރުބާނީއެއް ވާން ބާސާ ތައްޔާރު ކަމަށް ބަލާގު ބުނެފައިވެއެވެ.
ހާލަންޑް 2020 ވަނަ އަހަރު ޑޯޓުމަންޑަށް ބަދަލުވެ ކުޅުނު 74 މެޗުގައި އޭނާ ވަނީ 76 ގޯލު ޖަހައިފައެވެ. އޭނާ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި 10 ގޯލު ޖަހައި، ރަން ބޫޓުވެސް ހޯދައިފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު