ރާއްޖޭގައި އަލަށް ފަށާ 8 ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓުގެ މޮބިލައިޒޭޝަން މަސައްކަތް ފެށުމަށް އިންޑިއާއިން 5.49 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކޮށްފިއެވެ.

އަލަށް ފަށަން އުޅޭ ޕްރޮޖެކްޓުތަކުގެ ތެރޭގައި ތ. ތިމަރަފުއްޓާއި އެ އަތޮޅު ވޭމަންޑޫގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ލ. މާބައިދޫގައި އައިސް ޕްލާންޓް ގާއިމު ކުރުމާއި އދ. ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ނ. މިލަދޫ ކައުންސިލް އިމާރާތް ބިނާކުރުމާއި ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ގާއިމުކުރަން ބޭނުންވާ ފައިސާގެ އެޑްވާންސް ވެސް އިންޑިއާއިން ވަނީ ދޫކޮށްފައި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ.

އިންޑިއާއިން އެޑްވާންސަށް ދިން ފައިސާގެ ތެރޭގައި، އެމްއެންޑީއެފްއަށް ބޭނުންވާ ސީ އެމްބިއުލެންސް ހޯދުމާއި، މާލޭގެ އޮލިމްޕަސް ތިއޭޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ، އެ ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ އެމްއޯޔޫތައް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނިންމާލައިފައެވެ. ހަތް އަތޮޅެއްގެ އަށް ރަށެއްގައި ހިންގާ މި ޕްރޮޖެކްޓުތަކަށް ޖުމުލަ 36.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި 2019 ވަނަ އަހަރުގެ މާޗު މަހު ދޫކުރި 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައި އިމްޕެކްޓް 12 މަޝްރޫއެއް ރަށު ކައުންސިލްތަކުން ހިންގަމުން ދާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އިންޑިއާ ހައި ކޮމިޝަނުން ބުނީ ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއުތަކަކީ އިންޑިއާ އާއި ރާއްޖެ ތަރައްގީގެ ޕާޓްނާޝިޕްގެ މުހިންމު އެއް ތަނބު ކަމަށެވެ.