ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މުޒާހަރާގައި ބައިވެރިވި މާލޭ ސިޓީ ޑެޕިއުޓީ ކައުންސިލާ އަހުމަދު ނަރީޝް އާއި އިތުރު ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަރީޝްގެ އިތުރުން ކައުންސިލަރު އަހުމަދު އައިފާން އާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލުގެ އިތުރުން ޕީޕީއެމްގެ އާންމު މެމްބަރުން ހިމެނޭ ކަމަށެވެ.
ހީނާ ވިދާޅުވީ ފުލުހުން އެ މީހުން ހައްޔަރުކުރީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓު ލައިގެން ތިބެ މުޒާހަރާކުރުމުން ކަމަށެވެ. އަދި "އިންޑިއާ އައުޓް" ދިވެހިން ލިޔުމަށް ވެސް ފުލުހުން އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން "ވަން" އަށް މައުލޫމާތު ދެމުން ބުނީ، އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.
ފުލުހުން ވަނީ އިއްޔެވެސް "އިންޑިއާ އައުޓް" ޖެހި ޓީޝާޓު ލައިގެން ތިބެ މުޒާހަރާ ކުރި 11 މީހަކު ހައްޔަރުކޮށްފައެވެ. އެ އެންމެންވެސް މިއަދު ވަނީ ދޫކޮށްލައިފައެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ އިންޑިއާ އައުޓް ކެމްޕެއިން މުޅި ރާއްޖޭގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރައީސް ޔާމީން އިސްވެހުންނަވައި ބައެއް ރަށްރަށުގައިވެސް ވަނީ އިންޑިއާ އައުޓް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު