ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ މީޑިއާ ޕާޓްނަރަކަށް "ވަން" އޮންލައިން ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު "ވަން"ގެ އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައި މުބާރާތް ހިންގާ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ރިލުވާން މޫސާ އެވެ. "ވަން" މީޑިއާ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ އެވެ.
"ވަން" އޮންލައިނާއެކު އެއްބަސްވުމުގައި ސޮއި ކުރަން ނިންމި ނިންމުމާ ގުޅޭގޮތުން ރިލުވާން ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގަމުން އަންނަ އޮންލައިން ނޫސްތަކުގެ ތެރެއިން "ވަން"އަކީ އެންމެ ފާހަގަކޮށްލެވޭ އެއް ނޫސް ކަމަށާއި، ކަވަރޭޖާ މެދު ޔަގީންކަން އެބަ އޮތް ކަމަށެވެ.
"ވަން އޮންލައިން އަކީ ރާއްޖޭގައި މިހާރު އޮންލައިން މީޑިއާތަކުން ފާހަގަކޮށްލެވޭ، ހަމަ އެންމެ ކުރީގައި އޮތް އެއް އޮންލައިން ނޫސް. އަޅުގަނޑުމެން އުންމީދު ކުރަނީ ވަން އޮންލައިނާއެކު މި ވެވުނު އެއްބަސްވުމާ އެކީގައި ކުރީ އަހަރުތަކަށްވުރެ ރަނގަޅަށް މުބާރާތުގެ ކަވަރޭޖް ބެލުންތެރިންނާ ހަމައަށް ގެނެސް ދެވޭނެ ކަމަށް. އެ އުންމީދާއި އެ ޔަގީންކަމާ އެކީގައި މިއަދު ވަން އޮންލައިނާ އެކު މި ސޮއިކުރީ،" ރިލުވާން ވިދާޅުވިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު 91 ޓީމު ބައިވެރިވެފައިވާ އިރު، ޖުމްލަ 177 މެޗެއް ކުޅޭނެއެވެ. އެފަދަ ބޮޑު މުބާރާތެއް ކަވަރު ކުރުމަށް "ވަން"އަށް ފުރުސަތު ދިން ކަމަށްޓަކައި "ވަން"އިން ވަނީ ގޯލްޑަން ފުޓްސަލް އަށް ޝުކުރު އަދާކޮށްފައެވެ.
"ވަން އޮންލައިން އަށް މި ފުރުސަތު ދެއްވީތީ ގޯލްޑަން ފުޓްސަލްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނާއެކު އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް އުންމީދު ކުރަން. އަދި މި މުބާރާތުގެ ފުރިހަމަ ކަވަރޭޖެއް ވަން ސްޕޯޓްސް އިން ގެނެސްދޭނެ." "ވަން"ގެ މާކެޓިން މެނޭޖަރު ހަޝްމާ ވިދާޅުވިއެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހަވަނަ މުބާރާތެވެ. މީގެ ކުރިން ހުރިހާ މުބާރާތެއްވެސް ކާމިޔާބުކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗުތައް ފެނުނީ ވަރަށް ފޯރިގަދަ ކޮށެވެ. ހާއްސަކޮށް ގޯލްޑަން ފުޓްސަލްގެ ފޯރި އަތޮޅު ތެރޭގެ ރަށްރަށުގައި ފެނުނީ ގަދަ ކޮށެވެ. އެ ފޯރި ދެމެހެއްޓުމަށް ޓަކައި މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗުތަކެއް ލައިވް ކުރުމަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. އެގޮތުން އަތޮޅު ބުރަކަށްފަހު ޒޯން ބުރު ނިންމައި ގަދަ 16 ކުޅެ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާނެއެވެ.
މިއަހަރުވެސް މާލެ އަދި ފުވައްމުލަކު ސިޓީ ފިޔަވައި ކޮންމެ ރަށަކުންވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމު މުބާރާތުގައި ބައިވެރިކުރުމަށް ފުރުސަތު ދީފައިވެއެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ޓީމެއް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައެވެ.
އަތޮޅު ބުރުގެ މެޗުތައް ކުޅުމުގައި ބަލާނީ އެ އަތޮޅަކުން ޓީމުތައް ބައިވެރިވެފައިވާ ނިސްބަތަށެވެ. އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅު ތަކުގައި ކުޅޭނީ ލީގު އުސޫލުން ނަމަވެސް، ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައި ވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއް ވަނަވެސް ޒޯން ބުރަށް ދާއިރު، އަތޮޅު ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މެޗުތައް އޮންނާނީ ހުޅުމާލޭގެ ޓާފް ދަނޑުގައެވެ.
މި ފަހަރުގެ މުބާރާތުގެ ކަވަރޭޖު ކުރީ ފަހަރުތަކަށް ވުރެ ފުރިހަމަކޮށް ގެނައުމަށް ޓަކައި، ވަން ސްޕޯޓްސް އިން ވަނީ ވަރަށް ބޮޑަށްތައްޔާރު ވެފަ އެވެ. އެ ގޮތުން މި ފަހަރުގެ މުބާރާތުގެ ކަވަރޭޖުގައި ކުރީ އަހަރު ތަކާ ހިލާފު ކަންކަން ފެނިގެން ދާނެ އެވެ. މުބާރާތުގެ ފޯރި ގަދަކޮށް، ޕްރޮމޯޓު ކުރުމަށް އިތުރު ކަންތައްތަކެއް ވަން އިން ކުރާން ވަނީ ނިންމައިފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު