ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންހެ ވޯޓިން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ހުސްވި ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކަށް ބަލައި، ގެނެވުނު ބަދަލުތައް އާއްމުކޮށްފައިވާ ކަމަށެވެ.
އަދި މި ރަޖިސްޓަރީ، ދިވެހި ސަރުކާރުގެ ގެޒެޓާއި ކޮމިޝަނުގެ ވެބްސައިޓްގައި އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށެއް (ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މަރޮށި)ގެ ކައުންސިލުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 ނިޔަލަށް ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޝަކުވާ ފޯމުން ކަމަށާއި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަ ވުމާ ގުޅިގެން، އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައިއިލެކްޝަންގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާފައިވަނީ ތިން ކެނޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީހާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުސާ ފަތުހީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު