ރިޕޯޓް

ސަލާމަތްވި މީހުންގެ އިންޓަވިއު: ކަނޑުގައި ތިބި 35 ގަޑިއިރު 3 މީހުން ބުއީ ކުޑަ ފެންފުޅިއެއް، ކައްޕި ގެއްލުނީ ކުއްލިއަކަށް

ފ. ފީއަލިން: ޝައިހާން ޒަރީރު - ވަން އޮންލައިން

މިދިޔަ ހޯމަ ދުވަހުގެ ރޭ ވ. ފުއްސަރު ކައިރީން 4 ނޯޓިކަލް މޭލު ބޭރުން އަޑިޔަށް ދިޔަ "އަލަމާ 5" ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން، ދެ މީހަކު ވަނީ ކަނޑުތެރޭގައި ތިއްބައި ސަލާމަތްކޮށްފައެވެ. އެމީހުން ސަލާމަތުން ކޯސްޓްގާޑުގެ ސީ އެމްބިއުލާންސަށް ނެގީ އިއްޔެ ހެނދުނު 6:50ގަ އެވެ. އެއީ އދ. އަތޮޅުގައި އޮންނަ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރީންނެވެ. ބިދޭސީ ދެ ފަޅުވެރީން ސަލާމަތްވީ ކަނޑުވެފައި ތިބޭތާ 35 ގަޑިއިރު ފަހުންނެވެ.

މި ދޯނީގެ ކައްޕި، ކ. ގުރައިދޫ އާދަމް ޝަފީއު (އެޑަމް) އަދިވެސް ނުފެނެ އެވެ. މިހާރު ބެލެވޭ ގޮތުގައި އެޑަމް ކަނޑުތެރެޔަށް ގެއްލުނީ ބިދޭސީ ފަޅުވެރިޔެއްގެ ފޯނަށް ރޭންޖު ލިބި، އެމީހުން މަސައްކަތް ކުރާ ކުންފުންޏަށް އެންގުމުގެ ނަސީބު ލިބުމުގެ ގަޑިއެއް ނުވަތަ ދެގަޑިއެއްހައި އިރު ކުރީންނެވެ.

ސަލާމަތްވީ ދެމީހުން ކޯސްގާޑުން ފުރަތަމަ ގެންދިޔައީ އދ މަހިބަދޫއަށެވެ. އެރަށަށް ގެންގޮސް ހޮސްޕިޓަލަށް ދެއްކުމަށްފަހު އެމީހުން ދެން ގެންދިޔައީ ފ. ފީއައްޔަށެވެ. ބެލެވޭ ގޮތުގައި، ފީއައްޔަށް އެމީހުން ގެންދިޔައީ އެމީހުން މަސައްކަތް ކުރާ ކުންފުނީގެ އެދުމުގެ މަތީންނެވެ.

ފީއަލީގައި ތިބެ "ވަން"އާ ވާހަކަ ދައްކަމުން، ސަލާމަތްވީ ދެ މީހުންގެ ތެރެއިން، ދިވެހި ފަރިތަކޮށް ދަންނަ އަސަދުލް އިސްލާމް މިއަދު ބުނީ، އެމީހުންނަށް މި ހާދިސާ ކުރިމަތިވީ ކުޑަ މަސްކޮޅެއް ހިފައިގެން ފ. ބިލެތްދޫ ކައިރީން ނައްޓާލައިގެން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

"ކުޑަ ކުޑަ މަސްކޮޅު ހުރީމާ އަހަރެން ބުނީ މީނަ ކައިރީގައި (ސަލާމަތް ވި އަނެއް ބިދޭސީ މީހާއަށް އިޝާރާ ކޮށްފައި)، 9 ޖަހާއިރު މަހުގެ ފެންކޮޅު ދޫކޮށްލާށޭ. އަހަރެން އަދި ކައްޕި ތިބީ މަތީގަ. ދެން އޭނަ ފެން ދޫކޮށްލާފަ އެތެރެއަށް ވަނީ. ވަދެފަ 9:30 ހާއިރު ދޭތެރެ ދޭތެރެއިން ދިޔަ ހިއްކަން ޖެހޭނެތީ އޭނަ ނިކުމެފަ ޕަންޕު ޖައްސާފަ، ނިކުތް އިރު ގޭތެރެޔަކު މާ ބޮޑު ދިޔަގަނޑެއް އަނެއްހެން ނެތް. އޭނަ ނިކުމެފަ ޕަންޕް ސެޓުކޮށްލާފަ، ބެލި އިރު ދިޔައެއް ނުވޭ. ފެނެއް ނެތް. ދެން އޭގެ އިރުކޮޅެއް ފަހުން އިސާހިތަކު ފެންގަނޑު އަރަން ފަށައިފި." ދޯނި އަޑިޔަށް ދިޔަ ހާދިސާގެ ފެށުން "ވަން"އާ ހިއްސާ ކުރަމުން އަސަދުލް ބުންޏެވެ.

އަސަދުލް ބުނީ ދެމީހުން ވެގެން މަސައްކަތް ކޮށްގެންވެސް ދިޔަގަނޑު ކޮންޓްރޯލު ނުވުމުން އެމީހުން ވަގުތުން ކައްޕިއަށް ގޮވައި ދޯނި މަޑުކުރަން އެދުނެވެ. ހަމަ އެވަގުތު ދޯނި މަޑުކޮށްލުމަށްފަހު އެޑަމް ތިރިޔަށް އައި ކަމަށާއި އައުމުން ދެން ހަދަން ވީ ކިހިނެއްތޯ ކައްޕި ކައިރީ އެހި ކަމަށް އަސަދުލް ބުންޏެވެ.

"ކައްޕި ބުނީ ސަލާމަތްވާނެހެނެއް ހިއެއް ނުވެއޭ. އޭރު ފޯނަށްވެސް ރޭންޖް ރަނގަޅަކަށް ނުލިބޭ. ދެން ކިރިޔާ އަލިބެއާ (ކުންފުނީގައި އޮންނަ އެހެން ދޯންޏެއް ދުއްވާ ކައްޕިއެއް) އަށް ގުޅުނީ. ގުޅާފަ އަލިބެ ގާތު ބުނީ އަހަރުމެން ދޯނި އަޑިއަށް ދަނީއޭ. ދެން ފަހުން އަހަރެމެންނަށް ނުގުޅިއްޖެނަމަ ބަލާށޭ ދޯނި އަޑިއަށް ދިޔައީ ކަމަށް." ދޯނި އަޑިޔަށް ދިޔަ އިރު އެންމެ ފަހު ވަގުތު ކަންތައް ވީ ގޮތް އަސަދުލް ކިޔައިދިނެވެ.

އޭނާ ބުނީ އަލިބެއަށް ގުޅުނުތާ ވިއްސަކަށް މިނެޓު ތެރޭ ދޯނި އަޑިޔަށް ހިނގައްޖެ ކަމަށާއި އެވަގުތު އެންމެން ދިޔައީ ދޯނީގެ ފަހަތަށް ކަމަށެވެ. އެއިރު އެމީހުންގެ ކަކުލާއި ހަމަޔަށް ލޮނުގަނޑު އަރާފައި އޮތް ކަމަށާއި އެހެން ތިއްބައި ދޯނި އެއްކޮށް އަޑިޔަށް ދިއުމުން ހަންތައް ހިނފައިގެން ކަނޑަށް ފުންމާލީ ކަމަށެވެ.

"ރީނދޫ ހަމުގެ 6 ހަން ހިފައިގެން އެ އައްސައިގެން ތިބީ. ދެން 3 މީހުން ގާތުވެސް އަހަރެން ބުނީ އެއްވެސް މީހަކު ދުރަށް ނުދައްޗޭ، ތިން މީހުން އެކީގަ ތިބޭށޭ. އެކި މީހުން އެކި ދިމާލަށް ދަންޏާ އުނދަގޫވާނެ ނޫންހޭ. އެއްވެސް މީހަކު ބިރު ނުގަންނައްޗޭ، ރޭގަނޑެކޭ މިއީ އެކަކު އަނެކަކު ދޫކޮށްލާފަ ނުދާށޭ. ދެން 6 ހަން އައްސާފަ ވާ މަތީގައި އިށީނދެން ތިބީ. ދޯނިވެސް އަޑިއަށް ދިޔައީ، އަހަރުމެންނަށްވެސް ދެވޭ ނުދެވޭ ދިމާލެއް ނޭނގެ." އަސަދުލް ބުންޏެވެ.

ޖެހިގެން އައި އަންގާރަ ދުވަހު އެއްކޮށް ވެސް ދިޔައީ ކަނޑުމަތީގައި ކަމަށާއި އެއްވެސް ރަށެއް ނުފެންނަ ކަމަށް އަސަދުލް ބުންޏެވެ. އެދުވަހުގެ އިރު އޮއްސުނީ ކަނޑުމަތީން ދަތުރުކުރާ ބަޔަކާވެސް ދިމާ ނުވެ ރަށެއްވެސް ނުފެނި އެވެ. އެކަމަކު ކައްޕިއާއި އަސަދުލް އަދި ބިދޭސީން އަނެއް ފަޅުވެރިޔާވެސް ތިބީ އެކީގައެވެ. ހަންތަކުގެ އެހީގައެވެ. ދެވޭ ނުދެވޭއެއް ނޭނގެ އެވެ.

ފަހުން، ބިދޭސީ ދެ ފަޅުވެރީން ފެނުނު ސަރަހައްދަށް ބަލާއިރު، އެކްސްޕާޓުން ދެކޭ ގޮތުގައި، ގެއްލުނީއްސުރެ ފެނުމާ ދެމެދު އެވީ 35 ވަރަކަށް ގަޑއިރު ތެރޭވެސް އެމީހުން ހޭދަކޮށްފައި އެވަނީ އަލިހުރަސްކަނޑު ތެރޭގަ އެވެ. ވ. އަތޮޅުގެ ހުޅަނގުން، ފ. އަތޮޅުގެ އިރު އުތުރުން އަރިއަތޮޅާ ދެމެދު އަދި އަރިއަތޮޅު ދެކުނުގެ ބުރީގެ އިރުމަތީން ކަނޑު ތެރޭގަ އެވެ.

އަންގާރަ ދުވަހުގެ ރެޔަށް އިރު އޮއްސި، މާ ގިނަ އިރުތަކެއް ނުވެ، ކަނޑުތެރޭގައި ތިބި ތިން މީހުންނަށް ވެސް ބައެއް ރަށަރަށުގެ އަލި ފެންނާން ފެށި ކަމަށް އަސަދުލް ބުންޏެވެ. އެހެން ނަމަވެސް ރާޅު ހުރި ގޮތުން، އެ އަލި ގެއްލި އަލުން ފެންނަ ފަހަރު ދާ ކަމަށާއި އެއީ ސީދާ ކޮން ރަށެއްކަން އެނގޭވަރު ނުވާ ކަމަށް ބުންޏެވެ.

"އަލި ފެންނަން ފެށީމަ އަހަރެން ކައްޕި ކައިރީ އަހައިފިން އަހަރުމެންނަށް މި ތިބެވުނީ އެއްވެސް އަތޮޅެއްގެ ކައިރީގަހޭ.. ކޮން ކަނޑެއްގައިހޭ... އެފެންނަނީ ކޮން ރަށެއްހޭ. ފޯނު ނަގައިގެން ބަލައިލަބަލާށޭ.. ދެން އަކަމަކު އެގަޑީ ފޯނު މަސައްކަތެއް ނުކުރޭ. ކައްޕި ބުނީ ތިމަންނައަށް ހީވަނީ މިއީ ވާވު އަތޮޅުހެންނޭ. ދެން މަވެސް ބަލާނީ އެހެންތާ. މަވެސް ދުވަހަކު އަލިފު އަތޮޅަކަށް ނުދަން. އެކަމު އަލިފު އަތޮޅު ރަށްތަކުގެ ނަންތައް އެނގޭ. ދެން އެދިމާލަށް ދިޔައީމާ، ފެނިއްޖެ އެތާ އިން ކޮންމެވެސް ބައްތިއެއް. އެއީ ދަނގެތީ ބައްތި އާއި އަދި މިކޮޅުން ދިގިރަށުގެ ނިވި ދިއްލޭ ބައްތިއެއް. އެ ބައްތި ފެނުނީ ތަންކޮޅެއް ފަހުން. ދެން ކޮންމެވެސް ފަޅެއްގެ މަތީންކަންނޭނގެ ބައްތިއެއް ފެނުނީ." ސަލާމަތް ވެދާނެ ކަމުގެ އުއްމީދު އާވި ވަގުތުގެ ވާހަކަތައް އަސަދުލް ހިއްސާކުރި އެވެ.

އަސަދުލް ބުނީ، އެހައި ހިސާބުން މިސްރާބު ޖެހީ އަލި ފެންނަ ބައްތިއާ ދިމާއަށް ކަމަށެވެ. އެއީ ހިކިފަސްތަނަކަށް އަވަހަށް ދެވޭތޯ ބެލުމަށެވެ. އެދިމާއަށް ދާން މަސައްކަތް ކުރި އިރު، 3 މީހުން އެލިގަނެގެން ތިބޭން ހަމުން ހަދާފައި އޮތް ކަނދުފަތި އެދިމާއަށް ޖަހަމުން ދިޔައީ އަސަދުލް ކަމަށް އޭނާ ބުންޏެވެ. އެއީ ތިން މީހުންގެ ތެރެއިން ފިންސެއް ލައިގެން އޮތީ އޭނާ އެކަނި ކަމަށް ވާތީ އެވެ. ދެން ހުރި ބިދޭސީ ފަޅުވެރިޔާ އާއި ކައްޕި ކައިރީގައިވެސް ހަމުން ދޫކޮށް ނުލައި މަޑުން އޮންނަން އިރުޝާދު ދިން ކަމަށް އަސަދުލް ބުންޏެވެ.

"ދެން ޖަހަމުން ޖަހަމުން އެ އަތަށް ދިޔައީ. ވަކި ހިސާބަކަށް ގޮސްފައި ބަލައިލިއިރު ކައްޕިއެއް ފެންނާކަށް ނެތް. ދެން އަނެއް މީހާ ގާތު މަބުނިން އެޑަމް ކޮބާހޭ. އޭނަ ބުނީ ނެތޭ. ދެން އަހަރެން ގައިން ހީބިހި ނަގައިގަތީ. އެއީ އޭނަ ނެތީމަ އަހަރަމެންނަކަށްވެސް ނޭނގޭނެއެއްނު ދެވެނީ ކޮންތާކަށްކަމެއް، ކިހިނެއް ހަދަންވީ ކަމެއް. ދެން މަ ގޮވާލީ ދެތިން ފަހަރު އެޑަމް އޭ ކިޔާފަ. ދެތިން ފަހަރު ގޮވާލީމަ، އާނއެކޭ ކިޔާފަ އޭނަ ފަހަތުން ހަޅޭލަވައިގަތީ. ދެން މަބުނީ އަވަހަށް އަންނާށޭ، އަވަހަށް ހަން ހިފަން. ދެން އޭނަ ބުނީ ކަލޭމެން ދާށޭ، ތިމަންނަ މިދަނީއޭ މަޑުމަޑުން. ދެން އަނެއްކާވެސް ގޮވާލީމާ އެހެން ބުނީ. ތިންވަނަ ފަހަރުވެސް، ހަމަ އޯއީއޭ އޭނަ ބުނީ. ދެން އޭގެ ފަހުން އޭނަގެ ހަބަރެއް ނުވޭ. އޭނަ ދިޔައީ." އަސަދުލް ބުންޏެވެ.

އަސަދުލްގެ ވާހަކައިން ބެލެވޭ ގޮތުގައި، އެޑަމް އެމީހުންނާ އެކުގައި ހޭދަކުރި ވަގުތު ތަކުގައި، ބޮޑަށް އިސްކަން ދީފައި ވަނީ ބިދޭސީ ދެމީހުންނަށް ކަނދުފަތީގެ މަތީގައި ސަލާމަތުން ފަސޭހައިން ތިބެވޭނެ ގޮތަށް ޖާގަ ދީގެން އޭނާ ހަމުގެ އެހީގައި ކަނދުފަތި ކައިރީގައި އެލިގަނެގެން އޮންނަ ގޮތަށެވެ. ބިދޭސީ ދެމީހުން ކަނޑުތެރެއިން ފެނުނު ވަގުތު ކޯސްޓްގާޑުން ނަގާފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، އެމީހުން ހަންތައް ބޭނުންކޮށްގެން ކަނދުފަތި ހަދާފައި އޮތީ، މެދަށް ވާ ލައްވައި، ހަމުގައި ހިފައިގެން ތިބޭއިރު ވަލުގެ މަތީގައި ކޮންމެވެސް ސިފައެއްގައި އިށީނދެގެން ތިބެވޭނެ ކަހަލަ ގޮތަކަށެވެ. ކަނދުފަތީގެ ފަހަތުކޮޅުގައި އެޑަމް އޮތީ، އެ ޖާގަ ކުޑަވުމުންނާއި އެންމެން އެޔަށް އެރުމުން ކަނދުފަތި ބޮޑަށް އަޑިޔަށް ދިއުމުގެ ފުރުސަތު އޮވެދާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެފަދަ ކަނދުފައްޗެއް ކަނޑުމަތީގައި އޮންނަ އިރު، ދުރުން ދަތުރުކުރާ ބަޔަކަށް އެ ފެނުމުގެ ފުރުސަތު ބޮޑު ވާނީ އެއިން ވީހާވެސް ބޮޑު ބައެއް ކަނޑުމައްޗަށް ހިއްލި ހިކިފައި އޮވެގެންނެވެ.

"އެޑަމް ދިޔަ އިރު އަހަރަމެން ގާތު ނުބުނޭ. ދެން އަހަރުމެން ކުރީގަ ތިބޭއިރު ފަހަތު އަނެއްހެން ނޭނގެނީއެއްނު. ހަން އިންނަނީ ދެފަރާތަށް. ހަމު ތެރޭ އިންނަންޏާ ދެފަރާތަށް ދޯ އިންނާނީ. ދެން އޭނަ އަބަދުވެސް އުޅެނީ އަހަރުމެން ވަށައިގެން. އެފަރާތަށް އައިސްފަ، މިފަރާތަށް އައިސްފަ. ވަށައިގެން ހަމަ. ދެން މަގޭ އަތު ހުންނަނީ ފުޅިމަދު ފޮށި. އެ ފޮށި ތެރޭގަ ފޯނާ އެއްޗެހި ބަހައްޓާފަ ހުންނަނީ. އެފޮށި އިނީ އަހަރެން އަތުގަ. އޭނަ ދިޔައީ އަސްލު އަނެއްހެން ވަރުބަލިވެގެން، ނުހިފެހެއްޓުނީމާ ދިޔައީހެން ހީވަނީ. މަގޭ ބުނިން އެއްވެސް ވަރަކަށް ތިޔަ ހަން ދޫކުނުކުރާށޭ. އޭގެ ތެރޭގަ އިންނާށޭ. ދެން އެއްގޮތަކަށްވެސް އޭނަގެ ހަބަރެއް ނުވީ." ދޯނީގެ ކެޕްޓަން ކަނޑުތެރެޔަށް ގެއްލުނު ވަގުތުގެ ވާހަކަތައް ކިޔައިދެމުން އަސަދުލް އަސަރާ އެކު ބުންޏެވެ.

އަސަދުލް ބުނީ، ދޯނި ދޫކޮށްލައިފައި ކަނޑަށް ފުންމާލި އިރު އަތުގައި ޖެހުނީ 1.5 ގެ އެންމެ ފެންފުޅިއެއް ކަމަށާއި ކާނެ އެއްވެސް އެޗެއް އަތަކު ނުޖެހުނު ކަމަށެވެ. ކަނޑުތެރޭގައި ވީ 35 ގަޑިއިރު އެމީހުން އެ ފެންފުޅިން އެތި ފޮދުފޮދު ބޮއިގެން ކަރުހިއްކުން ފިލުވީ އެވެ.