ދޮގު ބަޔާނެއް ދިންކަމުގެ ތުހުމަތުގައި، ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ޑރ. މުއިއްޒަށް ކުރާ ދައުވާގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި އޮތީ މިއަދު 10:00 އަށެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް އެކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް ކެންސަލް ކުރި ސަބަބެއް ނުބުނެއެވެ.

މައްސަލައިގެ އިބުތިދާއީ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފެށީ މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު އެވެ.

ނޫމަޑިން ޖޫން 25، 2019 ގައި ދިވެހި ދައުލަތާ ދެކޮޅަށް ނެދަލޭންޑްސްގެ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިޔަކަށް ވެފައިވަނީ ޑރ. މުއިއްޒެވެ. އެ މައްސަލައިގައި 155 މިލިއަން ޑޮލަރު ގެއްލުމުގެ ބަދަލެއް ހޯދުމަށާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ދިވެހި ދައުލަތުން ހޯދުމަށް ނޫމަޑިން އެދިފައި ވެއެވެ.

ނަމަވެސް އެ މައްސަލަ ކޯޓުން ބޭރުން ހައްލުކޮށް، ސަރުކާރުން ވަނީ އެކުންފުންޏަށް 55 މިލިއަން ޑޮލަރު ދައްކައިފައެވެ.

ދައުލަތުން ޑރ. މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ، ހައުސިން ޔުނިޓު މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި ނޫމަޑިއަށް ލަގްޒަރީ ވިލާ އިމާރާތްކުރުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށާއި ފުލުހަށްވެސް ޑރ. މުއިއްޒު ހާޒިރު ކުރިއެވެ.

ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގައިވާ ގޮތުން، އެ ދައުވާ ޑރ. މުއިއްޒުގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަމިނުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.