ކޮވިޑުގައި އިތުރު މީހަކު މަރުވެ ރާއްޖެއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު 264 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިއަދު މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އަކީ ރޭ ދަންވަރު 3:12 ގައި ހަރަކާތެއް ނެތިގެން އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމަށް ގެންދިޔަ މީހެކެވެ. އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށާއި އަދި ކޮވިޑަށް ޓެސްޓު ކުރުމުން ޕޮޒިޓިވް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 264 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 247 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.