ޚަބަރު

ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންތަކާ ގުޅިގެން، އައިޖީއެމްއެޗުގެ ޕްރޮޓޮކޯލް ހަރުދަނާ ކުރަނީ

ރިފާ ހަލީލު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ، އައިޖީއެމްއެޗުގެ އީއާރްގައި މަސައްކަތްކުރާ ނަރުހެއް ކަމަށްވާ، ޅ. ހިންނަވަރު، ހަލީމަތު ލަމްހާ ދިރިއުޅޭ ކޮޓަރިން ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ބޭނުން ކުރެވޭ އިންޖެކްޝަންތަކާއި ބޭސްތަކެއް ފެނުނު މައްސަލައިގައި އައިޖީއެމްއެޗުގެ ޕްރޮޓޮކޯލް ހަރުދަނާކޮށް އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އައިޖީއެމްއެޗުގެ ޑަޔަލިސިސް ސެންޓަރުގައި މަސައްކަތް ކުރާ ފިލިޕީންސް ނަރުސް، މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

ލަމްހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޖީން ބުނީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ކޮޓަރި ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.

މިކަމާ ގުޅިގެން "ވަން" އިން ސުވާލު ކުރުމުން އައިޖީއެމްއެޗުން މިއަދު ބުނީ މިފަދަ ބޭހާއި އިންޖެކްޝަނަށް އެކްސެސް އޮންނަ ފަރާތްތަކަކީ ހުވައެއް ކޮށްގެން ތިބޭ، އެތިކަލް ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭ، އަދި ހޮސްޕިޓަލާއި ޖުމުލަ ގޮތެއްގައި މުޅި މުޖުތަމައުގެ ފަރާތުންވެސް ނުހަނު ބޮޑު އިތުބާރެއް އެފަރާތްތަކަށް ކޮށް، މިފަދަ ތަކެއްޗަށް އެކްސެސް ދެވޭ ބައެއް ކަމަށެވެ. މިފަދަ ހައި އެލާޓު ބޭހާއި އިންޖެކްޝަނަށް އެކްސެސް އޮންނަ ފަރާތްތަކުން، މިއިން އެއްޗެއް ގެއަށް ގެންދިއުމަކީ ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ ކަށަވަރު ކަމާއެކު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ މިފަދަ ކަންކަމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅި، ތަންފީޒު ކުރަމުން ދިޔަނަމަވެސް މިއީ ޔަގީނުންވެސް ނުކުރެވޭނެ ފަދަ ކަމެކޭ ބުނުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ލަމްހާގެ ގެއިން ފެނުނު އިންޗެކްޝަންތަކާއި ބޭސްތަކުގެ މައްސަލަ އެ ހޮސްޕިޓަލުން ތަހުގީގުކޮށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލުގައި ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ގެންގުޅުމުގައި ހަރުދަނާ އުސޫލުތަކާއި ޕްރޮޓޮކޯލްތައް ކަނޑައެޅިފައި ހުންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ހައި އެލާޓް، ނާކޮޓިސް ބޭހާއި އިންޖެކްޝަންތަކަށް ހާއްސަ ޕްރޮޓޮކޯލްތައް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

"އެހެންނަމަވެސް މި ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ ދުވަހަކުވެސް އެތައް ހިދުމަތެއް ދެމުން ގެންދާ ތަނެއްކަމުން، އަސާސީ ބައެއް މަސައްކަތުގައި ކަމާބެހޭ ފަރާތްތަކުން މަސްއޫލުވެ ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ބައެއް އުސޫލުތަކާއި ޕްރޮޓޮކޯލްތައް އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވޭ ހާލަތެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު ދެން އިތުރަށް މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެންގެ ޕްރޮޓޮކޯލް ވާނީ ހަރުދަނާ ކުރަން ވަނީ ނިންމާފައި." ވަން އަށް ލިޔުމަކުން ދިން ޖަވާބުގައި އައިޖީއެމްއެޗުން ބުންޏެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިން އެވެ. އެއިރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. ނަމަވެސް އެކަމުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއެވެ.

ޕީޖީން ބުނީ މޭރީ ގްރޭސް މަރާލާފައިވަނީ އޭނާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން ކަމަށެވެ.