ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ލ. ދަނބިދޫ ކައުންސިލް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ދަނބިދޫން ސެމީ ޔަގީން ކުރީ އިއްޔެ ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައި 2-0 ގެ ނަތީޖާއަކުން ފޮނަދޫ ކައުންސިލް ބަލިކޮށްގެންނެވެ. ދަނބިދޫން މެޗުގައި ޖެހި ދެ ގޯލުވެސް ފެނިގެން ދިޔައީ މެޗުގެ ކުރީކޮޅުގައެވެ. އެ ދެ ގޯލުވެސް ޖެހީ ސިމާއުއެވެ.
އިއްޔެގެ މެޗަކީ ގްރޫޕް އޭގެ ފަހު މެޗެވެ. ގްރޫޕް އޭގެ ކުޅުން ނިމުނު އިރު، ހުރިހާ މެޗަކުން މޮޅުވެ އައިލެންޑް ޔޫތު ޔުނައިޓެޑުން ވަނީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. ގްރޫޕުގެ ދެވަނަ ލިބުނީ ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދި ދަނބިދޫއަށެވެ. ގްރޫޕުގެ ތިންވަނަ ކުނަހަންދުއަށް ލިބުނު އިރު، އެޓީމަށް ލިބުނީ ހަ ޕޮއިންޓެވެ. ފޮނަދޫ ތިން ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައި އޮތް އިރު، ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ތިއްތި ސްޕޯޓްސް ކްލަބެވެ.
ދަނބިދޫން ސެމީގައި ނުކުންނަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ހޯދި މާބައިދޫ ކައުންސިލާ ދެކޮޅަށެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދި އައިލެންޑް ޔޫތު ޔުނައިޓެޑް ސެމީގައި ނުކުންނާނީ ލ. ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ސެމީގައި އައިލެންޑް ޔޫތު ޔުނައިޓެޑާއި ގޯޅި ކުޅޭ މެޗު ހޮނިހިރު ދުވަހު އޮންނަ އިރު، ދެވަނަ ސެމީ އޮންނާނީ އާދީއްތަ ދުވަހުއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ކުޅޭނީ ގްރޫޕް ބީން ކަޓާފައި އޮތް ދެޓީމެވެ. އެއީ އަމިގޯސް އާއި ޕޮލިސް ކްލަބެވެ.