ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މުޒާހަރާގައި ބައިވެރިވި 11 މީހަކު ހައްޔަރު ކުރުމަށްފަހު ރޭ ދޫކޮށްލައިފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް އިއްޔެ ވިދާޅުވީ އެ މީހުން ހައްޔަރު ކުރީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓު ލައިގެން ތިބެ މުޒާހަރާ ކުރުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ހީނާ ވަނީ ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރާ ވީޑިއޯއެއް ވެސް ހިއްސާ ކުރައްވައިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުރި އަންހެނަކު ހައްޔަރުކޮށް ވޭނަށް އަރުވައެވެ. އެއަށްފަހު ހުދު ގަމީހެއް ލައިގެން ހުރި މީހަކު ވެސް ހައްޔަރުކޮށް ވޭނަށް ވަނީ އަރުވައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، މުޒާހަރާގެ ތެރެއިން އިއްޔެ ހައްޔަރުކުރި އެންމެން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އިތުރު އެއްވެސް ކަމެއް ހާމައެއް ނުކުރެ އެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ އިންޑިއާ އައުޓް ކެމްޕެއިން މުޅި ރާއްޖޭގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރައީސް ޔާމީން އިސްވެ ހުންނަވައި ބައެއް ރަށްރަށުގައިވެސް ވަނީ އިންޑިއާ އައުޓް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވައިފައެވެ.