އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޗެލްސީން 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފިއެވެ.
ރޭ ޗެލްސީ ދަނޑުގައި ކުޅުނު މެޗު ހޯމް ޓީމުން ވަނީ ޑޮމިނޭޓްކޮށް ކުޅެފައެވެ. ޗެލްސީން 19 ހަމަލާއެއް މެޗުގައި އުފައްދާފައިވާ އިރު، އެޓީމަށް މެޗުން ލިބުނު ހަމައެކަނި މާޔޫސް ކަމަކީ ވެމްބްލީގެ ފައިނަލް ޔަގީންކޮށްލަން އިތުރު ގޯލުތަކެއް ނުޖެހުމެވެ. ޗެލްސީ އާއި ސްޕާސް އިން ސްޕާސް ދަނޑުގައި ކުޅޭ ދެވަނަ ލެގު މިމަހު 13 ވަނަ ދުވަހު އޮންނަ އިރު، 2008 ވަނަ އަހަރަށްފަހު ފުރަތަމަ ތަށްޓަކަށް އުންމީދުކުރަމުން އަންނަ ސްޕާސްއަށް އެ މެޗުގައި ނަތީޖާ އަނބުރާލަން އުނދަގޫ ވާނެ އެވެ.
ރޭގެ މެޗުގެ ކުރިން އެންމެ ބޮޑަށް މީޑިއާގެ ފޯކަސް އަމާޒުވެފައި އޮތީ ޗެލްސީގެ ރޮމެލޫ ލުކާކޫގެ މައްސަލައަށެވެ. ލުކާކޫ ދިން އިންޓިވިއުއެއްގެ ސަބަބުން ޗެލްސީން އެންމެފަހުން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން އޭނާ ބޭރުކޮށްފައިވެއެވެ. އެ މައްސަލަ ހައްލުކުރަން ތޯމަސް ޓުޗެލްއާ އެކު ލުކާކޫ ވަކިން ބައްދަލު ކޮށްފައިވާ އިރު، މައްސަލަ ހައްލުކޮށް ރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުތީ މައާފަށް އެދުމަށް ފަހުއެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް ޗެލްސީ ޑޮމިނޭޓްކޮށް ކުޅުނު އިރު، ސްޕާސްގެ ފަހަތުން ހެދި ގޯސްތަކުގެ ފައިދާ ވެސް ޗެލްސީން ނެގިއެވެ. މެޗުގެ ފުރަތަމަ ގޯލު ކައި ހަވާޓްސް ޖެހީ މާކަސް އެލޯންސޯގެ ތުރޫ ބޯޅައަކުންނެވެ. އެލޯންސޯ އެ ބޯޅަ އަރިމަތިން ހޯދީ ސްޕާސްގެ ޖެފެޓް ޓަންގަންގާ އަތުން ހެދުނު ގޯހަކުންނެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ދެވަނަ ގޯލެއްވެސް ފެނުނު އެވެ. އެއީވެސް ސްޕާސް ޑިފެންސް ލައިންގެ ބޮޑު ގޯހެކެވެ. އަރިމަތިން ހަކިމް ޒިޔެޗް ނަގައިދިން ހުރަސް ޓަންގަންގާ އޭރިއާ ތެރެއިން ބޮލުން ޖެއްސި ނަމަވެސް ގޮސް ޖެހުނީ ބެން ޑޭވިސްގެ ކޮނޑުގައެވެ. އޭރިއާ ތެރޭގައި ހުރި ޑޭވިސްގެ ގޮނޑުގައި ބޯޅަ ޖެހި ގޯލަށް ވަނީ ބައިކޮޅަށެވެ.
ސްޕާސްއިން މެޗުގައި ޗެލްސީގެ ގޯލަށް ފުރަތަމަ ހަމަލާ ފޮނުވާލީވެސް 50 ވަނަ މިނެޓުގައެވެ. ހެރީ ކޭންގެ ހިލޭ ޖެހުން ކެޕާ އަރީޒާބަލާގާ ވަނީ މަތަކޮށްފައެވެ. ދެވަނަ ހާފުގައިވެސް ހަމަލާއަކަށްފަހު ހަމަލާއެއް ޗެލްސީން އުފެއްދި އިރު، ލުކާކޫ އާއި ޒިޔެޗް އަދި ޓީމޯ ވާނާގެ ހަމަލާތައްވެސް ސްޕާސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފައެވެ.
ރޭ ކުޅެން އޮތް ސެމީ ފައިނަލް އަނެއް މެޗުގެ ފުރަތަމަ ލެގު ވަނީ ފަސްކޮށްފައެވެ. ލިވަޕޫލާއި އާސެނަލް ކުޅެން އޮތް އެ މެޗު ފަސްކުރީ ލިވަޕޫލްގެ ކޭމްޕް ތެރޭގައި ކޮވިޑް ކޭސްތައް އިތުރުވުމުންނެވެ. ސެމީ ފައިނަލްގެ ފުރަތަމަ ލެގު 13 ވަނަ ދުވަހު އޮންނަ އިރު، ދެވަނަ ލެގު އޮންނާނީ މިމަހު 20 ވަނަ ދުވަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު