ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާ ކަމަށް ބުނެ ދޮގު ހަބަރު ފަތުރައި އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ރައްޔިތުންގެ އިއްތިހާދުން މަސައްކަތް ކުރަމުންދާތީ ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމުގައި ސިފަކޮށް، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުން 6 މޭ 2021 ގައި ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނު ސަލާމަތްވިތާ އަދި އަހަރެއް ނުވާ ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާ ކަމަށް ދޮގު ހަބަރު ފެތުރުމުގެ ވަސީލަތްތައް، އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ވާގިވެރިވަމުންދާ 'ރައްޔިތުންގެ އިއްތިހާދު' ގެ ނަމުގައި ހިންގާ ހަރަކާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް މި ޕާޓީން ސަރުކާރަށް ގޮވައިލަން،" އެމްޑީޕީން ބުންޏެވެ.
ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާވެސް ހިންގަމުންދާ ކަމަށެވެ. އަދި އެފަދަ ހަރަކާތެއް ހިންގަން ފުރުސަތު ދިނުމަކީ ރައީސް ނަޝީދުގެ ފުރާނަ އާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"އަމުދުން އެ ހަމަލާގެ އަޑީގައިވި ފަރާތްތައް އަދިވެސް ހޯދިފައިނުވާއިރު، އަދި ޓެރަރިސްޓް ހަމަލާތަކަށް ދިވެހި މުޖުތަމައު ހުށަހެޅުމަށް ތައްޔާރަށް ތިބި ހައްދުފަހަނައެޅި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަން ސަލާމަތީ ހިދުމަތްތަކުން ހާމަކުރަމުންދާ ހިނދު، ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ހަރަކާތެއް އަނެއްކާ އުފައްދާ، އިންތިޒާމުވެ، ހިންގާން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން، ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއްކަމުގައި މެނުވީ މި ޕާޓީން ނުދެކޭކަމުގައިވެސް ދެންނެވިން،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއްކަން ދެއްކެވުމަށް ރައްޔިތުން އިއްތިހާދުން ކުރާ މަސައްކަތުގެ ސަބަބުން ކަންބޮނޑުވާ ކަމަށެވެ.
ރައީސް ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފައެވެ. ރައްޔިތުންގެ އިއްތިހާދުން ރައީސް ނަޝީދާ ދެކޮޅަށް މައްސަލަ ހުށަހަޅައިފައިވަނީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް ކްރިސްމަސްގެ ތަހުނިޔާ ކިޔުމުންނެވެ.
ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ހުށަހެޅި އެ މައްސަލަ ތަހުގީގު ނުކުރަން ނިންމާފައިވާކަމަށް ރޭ ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އެގޮތަށް ނިންމާފައިވަނީ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަ ކުރެވިފައިނުވާތީއެވެ.
އެކަމާ ގުޅިގެން އިއްޔެ ރައްޔިތުން މަޖިލީހުގެ ލެޓާ ހެޑުގައި ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި މީޑިއާގެ ރިޕޯޓުތަކުގައި އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެފައިވާ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ "ރައްޔިތުންގެ އިއްތިހާދުގެ" ފަރާތުން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅަނީ ނަފުރަތު އުފެއްދުމުގެ ބިލު އޮތް ގޮތަށް ފާސްނުކުރުމުން ކަމަށެވެ. އެގޮތުން އެ ބިލުގައި "އިސްލާމީ އަގީދާއާ ގުޅުވައި، މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން" އެއީ ކުށެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މަޖިލީހުން ފާސްކުރިއިރު އެ އިބާރާތް އުނިކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު