ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މުޒާހަރާގައި ބައިވެރިވި 11 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އިންޑިއާ އައުޓް މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ވަން" ވިދާޅުވީ އެ މީހުން ހައްޔަރުކުރީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓު ލައިގެން ތިބެ މުޒާހަރާކުރުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ހީނާ ވަނީ ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރާ ވީޑިއޯ އެއް ވެސް ހިއްސާ ކުރައްވައިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުރި އަންހެނަކު ހައްޔަރުކޮށް ވޭނަށް އަރުވައެވެ. އެއަށްފަހު ހުދު ގަމީހެއް ލައިގެން ހުރި މީހަކު ވެސް ހައްޔަރުކޮށް ވޭނަށް ވަނީ އަރުވައިފައެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް "އިންޑިއާ އައުޓް" ޖެހި ޓީޝާޓު ލައިގެން ތިބެ މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން އެ އެންމެންވެސް ވަނީ ދޫކޮށްލައިފައެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ އިންޑިއާ އައުޓް ކެމްޕެއިން މުޅި ރާއްޖޭގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރައީސް ޔާމީން އިސްވެހުންނަވައި ބައެއް ރަށްރަށުގައިވެސް ވަނީ އިންޑިއާ އައުޓް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވައިފައެވެ.