ޚަބަރު

ހުޅުމާލެއަށް މޭރީ ބްރައުން އާއި ސީކްރެޓް ރެސިޕީ އާއެކު އިތުރު ފުޑް އައުޓްލެޓުތަކެއް

ރިފާ ހަލީލު

ހުޅުމާލޭ ފެރީ ޓާމިނަލް އާއި އިންވެގެން ހުންނަ ފްލެޓްތައް ކުރިމައްޗަށް ވާ ގޮތަށް ހުންނަ "ވޯޓާސް އެޖް"ގައި މޭރީ ބްރައުންގެ އިތުރުން މަޝްހޫރު ގިނަ ފްރެންޗައިޒް އައުޓްލެޓްތައް ހުޅުވުމަށް ތަައްޔާރުވެއްޖެ އެވެ.

ރާއްޖެއަށް ގިނަ ފްރެންޗައިޒް އައިޓްލެޓުތައް ގެންނަ މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު "ވަން" އަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި މިހާރު އާބާދީ އިތުރުވަމުން އަންނަ އަދަދާ އަޅައި ބަލައި ފްރެންޗައިޒް ރެސްޓޯރަންޓްތައް މަދު ކަމަށެވެ. މޭރީ ބްރައުން އާއި ސީކްރެޓް ރެސިޕީ ފަދަ ތަންތަނަށް ލިބޭ ތަރުހީބާ އަޅައި ބަލާއިރު ހުޅުމާލޭގައި މީގެ އައުޓްލެޓުތައް ހުރުން މުހިންމު ކަމަށް ގަބޫލު ކުރެއްވޭ ކަމަށް މަންސޫރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ހުޅުމާލޭ މޭރީ ބްރައުން ރަސްމީކޮށް ހުޅުވާނެ ކަމަށެވެ. އަދި އެއާއެކު ހުޅުމާލެއިން މޭރީ ބްރައުންއަށް ކުރަން ޖެހޭ ދަތުރު ލުއިވެގެން ދާނެ ކަމަށެވެ.

ހުޅުމާލޭގައި ހަދާފައިވާ މޭރީ ބްރައުންގެ އައުޓްލެޓު ޑިޒައިން ކޮށްފައިވަނީ މާލޭގެ ހުންނަ މޭރީ ބްރައުންއަށްވުރެ އެތައް ގުނަ ރީތިކޮށް ކަމަށް އާމިރު ވިދާޅުވި އެވެ.

"ބީޗު ފެންނަ ގޮތަށް ހުންނާނެ. އޯޕެން އޭރިއާއެއް އޮންނާނެ. ޑިޒައިން ތަފާތުވިޔަސް އަގަކަށް އިތުރު އެއްވެސް ބަދަލެއް ނާންނާނެ. މާލޭގަވެސް ދޭ އަގުގަ ހަމަ ލިބިގެންދާނެ. ދެން ފެމިލީތައް އެއްކޮށް އަޔަސް ސައިކަލާއި ކާރާއި ޕާކު ކުރެވޭނެ ވަރުގެ ޖާގައެއް މިތާ ކުރިމަތީ އޮންނާނެ. ހިތްހަމަ ޖައްސާލަން ނިކުންނާނެ ޕާކެއް މި އިމާރާތް ކުރިމަތީގަ އޮންނާނެ." އޭނާ ވިދާޅުވި އެވެ.

މަޝްހޫރު ޕިއްޒާ މިއާގެ އައުޓުލެޓަކީ ވަރަށް މަޝްހޫރު ވެގެން ދިޔަ ތަނެކެވެ. ކޮވިޑުގެ ބިޔަ ރާޅާއެކު އިގުތިސޯދު ހީނަރުވެގެންނާއި ރައްކާތެރިކަމުގެ ގޮތުން ކެފޭ ރެސްޓޯރަންޓުތައް ބަންދުކުރަން އެންގި ހިސާބުން ޕިއްޒާ މިއާގެ އައުޓުލެޓުވެސް ބަންދު ކުރި އެވެ.

އާމިރު ވިދާޅުވީ އެތަން އަލުން ނުހުޅުވީ ޖާގަ ތަނަވަސް ބޮޑު ތަނަކަށް އެތަން ބަދަލު ކުރުމުގެ ވިސްނުން ހުރުމުން ކަމަށެވެ. އެހެން ކަމުން ވޯޓާސް އެޖް އިމާރާތުގައި ޕިއްޒާ މިއާގެ އައުޓުލެޓެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ސީކްރެޓް ރެސިޕީގެ އައުޓުލެޓެއްވެސް އެތާނގައި ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޔޫކޭގެ މަޝްހޫރު ކޮފީ ރިބަޕްލިކްގެ އައުޓުލެޓެއް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަންނަ އެޕްރީލް މަސްތެރޭގައި ކޮފީ ރިޕަބްލިކްގެ އައުޓުލެޓް ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ އޭޝިއާ ސަރައްދުގެ މަޝްހޫރު ގިނަ ބްރޭންޑުތަކާއި ދުނިޔޭގެ އެކި އެކި މަޝްހޫރު ގިނަ ބްރޭންޑުތަކުގެ އައުޓުލެޓުތައް ގެނައުމަށްވެސް ގިނަ ބަޔަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.