ސައުދީގެ ސޮވަރިން ފަންޑުން ދާދިފަހުން ގަތް އިނގިރޭސި ކްލަބު ނިއުކާސަލްގެ ފުރަތަމަ ބޮޑު ޓްރާންސްފާގައި އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު ކީރެން ޓްރިޕިއާ ގެންދަން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޓްރިޕިއާ ގެންދަން ނިއުކާސަލް އިން އެއްބަސްވެފައި ވަނީ 12 މިލިއަން ޕައުންޑުގެ އަގަކަށެވެ. އުމުރުން 31 އަހަރުގެ ޓްރިޕިއާ ވެގެންދާނީ ސައުދީ ވެރިންގެ އިރުޝާދުގެ ދަށުން ކްލަބަށް ގެންދާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެއީ އާ ކޯޗު އެޑީ ހޯވްގެ އިރުޝާދުގެ ދަށުންވެސް ޓީމަށް ގެންދާން ފުރަތަމަ ކުޅުންތެރިޔާ އެވެ.
ޓްރިޕިއާ 2019 ވަނަ އަހަރު ލަލީގާގެ އެތުލެޓިކޯ މެޑްރިޑާ ގުޅުނީ ޓޮޓެންހަމްއިންނެވެ. އޭނާ އެތުލެޓިކޯއަށް ދިޔައީ 20 މިލިއަން ޕައުންޑުގެ އަގަކަށެވެ. މީގެ ކުރިން ޓްރިޕިއާ ވަނީ ކޯޗު ހޯވްގެ އިރުޝާދުގެ ދަށުން ބާންލީ އަށް ކުޅެފައެވެ.
ހަބަރުތައް ބުނާ ގޮތުގައި މެޑިކަލް ފުރިހަމަ ކުރުމަށް ޓްރިޕިއާ މާދަމާ ނޫން އަނެއް ދުވަހު އިންގްލެންޑަށް ދާނެއެވެ. ޓްރިޕިއާ ސްޕެނިޝް ލީގު ދޫކޮށްލަން ނިންމާފައި ވަނީ 83 މެޗު އެތުލެޓިކޯ އަށް ކުޅުމަށް ފަހުގައެވެ.
ޓްރިޕިއާ އަކީ ޔޫރޯ 2020 ގެ ފައިނަލަށް ދަތުރު ކުރި އިންގްލެންޑް ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. ނިއުކާސަލް މިވަގުތު ލީގު ތާވަލުގެ 19 ވަނައިގައި އޮތް އިރު، އެޓީމުން ރެލިގޭޝަނުން ސަލާމަތް ވުމަށް ގިނަ ކުޅުންތެރިންތަކެއް ގެންދަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ހިނގާ ފިނި މޫސުމުގެ ޓްރާންސްފާ ސީޒަންގައި ވެސް ނިއުކާސަލް އިން މަސައްކަތް ކުރަމުން އަންނަނީ އިތުރު ޓްރާންސްފާ ތަކަކަށެވެ. އެގޮތުން އާސެނަލްއާ މައްސަލަ ޖެހިފައިވާ ޕިއޭ އެމްރެކް އަބަމަޔާން ގެންދަންވެސް ނިއުކާސަލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު