ޕްރެޒިޑެންޓްސް ކަޕުގައި މިއަދު ކުޅުނު މެޗުގައި ކްލަބު ވެލެންސިއާއިން ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުން ކްލަބް ވެލެންސިއާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ޕްރެސިޑެންޓްސް ކަޕްގެ ލީގު ބުރުގެ ވެލެންސިއާއިން ކުޅުނު ހަތަރު މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، އެޓީމު އޮތީ ދެވަނައިގައެވެ. އެއް ވަނައިގައި އޮތީ ރޭ ދަ ގްރާންޑޭ އަތުން ބޮޑު މޮޅެއް ހޯދި މާޒިޔާއެވެ. މާޒިޔާ އާއި ވެލެންސިއާއަށްވެސް ލީގު ބުރުގައި 12 ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ފުރަަތަމަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޓީސީން ކުރީކޮޅުގައި ހިލޭ ޖެހުމަކުން ތަނަވަސްކުރި ފުރުސަތުގައި ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ފޮނުވާލި ހަމަލާ ވެލެންސިއާގެ ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލަސް ވަނީ ބްލޮކް ކޮށްފައެވެ.

ވެލެންސިއާއަށް މެޗުގެ ކުރީކޮޅުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު، މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް އާއި އަހުމަދު ޝިޒާން (ޝިއްޕެ) އަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ. ޖަމާލްގެ ހަމަލާ ގޯލުގެ މަތިން ދިޔައިރު، ޝިއްޕެގެ ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅައިގައި ޖެއްސޭ ގޮތެއް ނުވިއެވެ.

ޓީސީން ލީޑު ނެގީ މެޗުގެ 38 ވަނަ މިނިޓްގައެވެ. ޓީސީގެ ގޯލު ޖަހައިދިނީ ޒަޔާން ނަސީރެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭރިއާތެރެއިން ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ދިން ބޯޅަ ގޯލަށް ވައްދާލީ ހުސެއިން ހަނާންއެވެ.

ދެވަނަ ހާފަށް ނުކުމެ ވެލެންސިއާއިން ކުޅުން ރަނގަޅު ކުރިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ވެލެންސިއާގެ ހަނާން ނެގި ހުރަހެއް ގޯލުގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، އޭގެ ފަހުން ވެލެންސިއާގެ ބިދޭސީ ފޯވަޑް ބޯހަސް ޖެހި ބޯޅަ އަމާޒުވީ އަރިމަތި ދަނޑިއަށެވެ.

ވެލެންސިއާއިން ލީޑު ނެގީ މެޗުގެ 69 ވަނަ މިނިޓްގައެވެ. އެޓީމަށް ލީޑު ނަގައިދިނީ ބޯހަސް ޖެހި ގޯލަކުންނެވެ. އޭގެ ފަހުންވެސް ސެންޓޭއަށް އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގައި ބޭނުން ހިފޭނެ ގޮތެއް ނުވިއެވެ.

ޕްރެސިޑެންޓްސް ކަޕްގައި މިރޭ ގްރީން ސްޓްރީޓްސްއިން ނުކުންނާނީ ސުޕަ ޔުނައިޓެޑާ ދެކޮޅަށެވެ.