އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ހަލީމަތު ލަމްހާ ދިރިއުޅޭ ކޮޓަރިން ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ބޭނުންކުރެވޭ އިންޖެކްޝަންތަކާއި ބޭސްތަކެއް ފެނިއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ވަނީ، މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާގެ މައްޗަށް ދައުވާ އުފުލައިފައެވެ.

ލަމްހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޖީން ބުނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ކޮޓަރި ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.

މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވީގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. ނަމަވެސް އެކަމުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއެވެ.

ޕީޖީން މިއަދު ބުނީ މޭރީ ގްރޭސް މަރާލާފައިވަނީ އޭނާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން ކަމަށެވެ.