ޚަބަރު

ގެއްލުނު "އަލަމާ 5" ދޯނީގެ ތަކެތި ކަމަށް ބެލެވޭ ބައެއް ސާމާނު އޮޔާދަނިކޮށް ފެނިއްޖެ

ގެއްލިގެން ހޯދަމުން އަންނަ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާ ކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، ފެނިއްޖެ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.

އެހެން ނަމަވެސް ދޯނިން ދަތުރު ކުރި މީހުންގެ ހަބަރެއް އަދިވެސް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދ. މީދޫ "އަލަމާ 5" އަކީ، މާލޭގައި ފާނަ ގަތުމުގެ މަސައްކަތް ކުރާ ކުންފުންޏަކަށް ކުއްޔަށް ދީފައި އޮންނަ ދޯންޏެކެވެ. ދޯނި އަޑިޔަށް ދާ ކަމަށް ބުނެފައިވަނީ ވ. ފުއްސަރާ ދިމާ ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރަށެވެ. މި ދޯނި އަޑިޔަށްދާ ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ ރޭ 11:22ގައި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ދޯނީގެ ކެޕްޓަނަކީ ކ. ގުރައިދޫ، އާދަމް ޝަފީއު އެވެ. ދޯނި އަޑިޔަށް ދާ ހަބަރު އޭނާ ދިނީ އޭނާއާ އެކު ފާނަ ކިރުމުގެ މަސައްކަތުގައި ހަމަ އެ ކުންފުނީގައި ހަރަކާތްތެރިވާ އެހެން ދޯންޏެއްގެ ކެޕްޓަނެއް ކަމަށްވާ، އަލީ ރަޝީދު އަށެވެ. އަލީ ރަޝީދު ދުއްވާ ދޯނި އެއިރު ދަތުރުކުރަމުން އައީ ރ އަތޮޅުން މާލެ އަށެވެ.

"ދުވާފަރު ކައިރީން އަންނަނިކޮށް އެޑަމް ގުޅާފަ ބުނީ ދޯނި އަޑިޔަށް ދަނީއޭ، މީހަކަށް ހަބަރު ކޮށްލަދޭށޭ. އެހައި ހިސާބުން އަޑު ކެނޑިއްޖެ." އަލީ ރަޝީދު "ވަން އަށް މިއަދު ބުންޏެވެ.

އޭނާ ބުނީ އެމީހުން ދަތުރު ކުރި ދޯނި އައީ ރ. އަތޮޅުން މާލެއަށް ކަމަށާއި އޮތް ހިސާބުގެ ގޮތުން ރަނގަޅަށް ރޭންޖުވެސް ނުލިބޭތީ، ރަށަކާ ގާތް ކޮށްފައި އަލުން އަލަމާ 5 އާ ގުޅޭތޯ މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އޭގެ ފަހުން އެއްވެސް މީހަކަށް ނުގުޅޭ ކަމަށެވެ. އެހެން ކަމުން ކޯސްޓްގާޑަށާއި ކުންފުންޏަށް ވަގުތުން އެންގި ކަމަށް ވެސް އަލީ ރަޝީދު ބުންޏެވެ.

އަލީ ރަޝީދު ބުނީ އެ ދޯނީގައި އާދަމް ޝަފީއުގެ އިތުރުން ދެން މަސައްކަތް ކުރާނީ، ބަނގްލަދޭޝް ދެ ފަޅުވެރީން ކަމަށާއި އެއިން އެކަކު އުޅެނީ ތ. ވިލުފުށީ މީހަކާ އިނދެގެން ކަމަށެވެ.

އޭނާ އިތުރަށް ބުނީ އަޑިޔަށް ދިޔަ ދޯނީގައި ސަލާމަތީ ކަންކަން ރަނގަޅަށް ހުންނާނެ ކަމަށާއި ދިޔަ ހިއްކާ ދެ ޕަންޕު ހުންނާނެ ކަމަށެވެ. ދޯނި ދިޔަވެ އަޑިޔަށް ހިނގައްޖެ ނަމަ، ފެންމަތީގައި ތިބުމަށް އެހީތެރިކަން ހޯދޭނެ ވަރަށް ގިނަ ތަކެތި ވެސް ދޯނީގައި ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ފައިބަރު ފޮށި ތަކާއި، ބޮޑެތި ހަމާއި، 50 އަށްވުރެ ގިނަ ލައިފް ޖެކެޓު ވެސް ހިމެނޭ ކަމަށް އަލީ ރަޝީދު ބުންޏެވެ.

އަލީ ރަޝީދު އިތުރަށް ބުނީ، ދޯނި އަޑިޔަށް ދިޔަ އަލިހުރަސް ކަނޑުގައި އޮއި ހުރި ގޮތުން އެ ދޯންޏާއި މީހުން އޮޔާ ދާނެ ކަމަށް ބެލެވެނީ ފ. އަތޮޅާއި އަރިއަތޮޅާ ދެމެދުން އޮންނަ ހުރަސް ކަނޑު (އަރިޔަދޫ ކަނޑު)އާ ދިމާއަށް ކަމަށެވެ. އިތުރު އަނިޔާއެއް ލިބިފައި ނުވާ ނަމަ، އެމީހުން ސަލާމަތުން ތިބުމުގެ ފުރުސަތު ބޮޑު ކަމަށާއި އެ އެންމެންނަކީ ވެސް ކަނޑުމައްޗަށް ފަރިތަ މީހުން ކަމަށް ވެސް ބުންޏެވެ.

އަލީ ރަޝީދު ބުނީ މިއަދު 1030 އެހައި އިރު، "އަލަމާ 5" ގެ ކެޕްޓަންގެ ފޯނުން މިސް ކޯލް އެލާޓެއްވެސް ލިބުނު ކަމަށެވެ. އެކަމަކު އެވަގުތު ގުޅި އިރުވެސް އެ ފޯނަށް ރޭންޖު ނުލިބޭ ކަމަށެވެ.