ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ އެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުނީ 3 ޖެނުއަރީ 2022 (އިއްޔެ) ކަމަށެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން، 227 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 387 މީޓަރުގެ ބޭރުތޮށި ލުމާއި، 73 މީޓަރުގެ ސަރަހައްދެއްގައި
ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ޖުމުލަ 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި ބަނދަރު ބައްތި ޖެހުމުގެ އިތުރުން، ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 60.35 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ތެރޭ އެ ކުންފުނީން ވަނީ ބަނދަރު ތަރައްގީ ކުރުމުގެ 26 މަޝްރޫއެއްގެ މަސައްކަތް ނިންމާފައެވެ.