ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ އެވެ.
މި މަސައްކަތުގެ ކޮންޓްރެކެޓަރު، އެމްޓީސީސީން މިއަދު ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ތެރޭގައި 398 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 103 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް
ޖެހުމާއި 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1812 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 55.4 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން މިއަދު ބުނި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެ ކުންފުނީން ވަނީ ބަނދަރު ތަރައްގީ ކުރުމުގެ 26 މަޝްރޫއެއްގެ މަސައްކަތް ނިންމާފައެވެ.