ކުޅިވަރު

ކްލަބުތަކުން ސަމާލުވޭ! ބާސާ އެނބުރި އަތުވެއްޖެ: ލަޕޯޓާ

މުޙައްމަދު ޝަމްޢޫން

ފައިސާގެ ހާލަތު ގޯސްކޮށް އޮތް ނަމަވެސް ބާސެލޯނާ އިން އަންނަނީ ޓްރާންސްފާ މާކެޓްގައި އެހެން ޓީމުތަކަށް މިސާލު ދައްކަމުން ކަމަށާއި، މާކެޓަށް ބާސާ އެނބުރި އައުމުން އެހެން ކްލަބުތަކުން ސަމާލުވާން ޖެހޭނެ ކަމަށް ކްލަބުގެ ރައީސް ޖޯއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ބާސާ ރައީސް އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި ވަނީ މެންޗެސްޓާ ސިޓީގެ ފެރަން ޓޮރެސް އެ ކްލަބަށް ގެންދިޔުމަށްފަހު ދެއްކި ވާހަކައިގައެވެ. ބާސާއިން ޓޮރެސްގެ ސޮއި ހޯދީ 55 މިލިއަން ޔޫރޯގެ އަގަކަށެވެ. ބާސާގެ ފައިސާގެ ހާލަތު ހުރި ގޮތުން ޓޮރެސް ރަޖިސްޓްރީ ކުރަން ދަތިތަކެއް ހުރި ނަމަވެސް، ކުޅުންތެރިން ވިއްކައިގެން ޓޮރެސް ކްލަބުގައި ރަޖިސްޓްރީ ކުރަން ބާސާއިން ވަނީ ތައްޔާރު ވެފައެވެ.

"ބާސާއިން މާކެޓުގައި ދައްކަމުން އަންނަނީ މިސާލެއް. އެހެން ކްލަބުތަކުން ބާސާ އެނބުރި އައިކަން ބަލައިގަންނަން ޖެހޭ. ބަސާ މާކެޓަށް އެނބުރި އައިސް ދައްކަމުން އަންނަ މިސާލުން ކްލަބު އެނބުރި އަތުވެއްޖެ ކަން އެނގޭނެ. ފެރަން އެހުރީ ބާސާގައި. އެއީ މާކެޓުގައި ބާސާއިން ދެއްކި މަންޒަރެއް،" ލަޕޯޓާ ވިދާޅުވިއެވެ.

ބާސާއިން ހިލޭ ޓްރާންސްފާއެއްގައި ޑެނީ އަލްވޭސް ވެސް އަނބުރާ ކްލަބަށް ގެންގޮސްފައިވާ އިރު، މި މަހުން ފެށިގެން އޭނާއަށް ކުޅުމުގެ ފުރުސަތު އޮންނާނެއެވެ. ފައިސާގެ ހާލަތު ހުރި ގޮތުން އަލްވޭސް ރަޖިސްޓްރީ ކުރަން އުނދަގޫ ވި ނަމަވެސް އަލްވޭސްގެ މުސާރަ ކުޑަވުމުން ކްލަބަށް މާ ބޮޑު ބުރައެއް ނެތެވެ. އަލްވޭސް ވަރަށް އަވަހަށް ރަޖިސްޓްރީ ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ލަޕޯޓާ ވިދާޅުވީ ބާސާއިން އަބަދުވެސް މާކެޓުގައި މަސައްކަތް ކުރާނީ މަޑުމައިތިރި ކަމާއެކުގައި ކަމަށެވެ. މި ޓްރާންސްފާ ސީޒަންގައިވެސް ބާސާއަށް އިތުރު ކުޅުންތެރިން ގެންދަން މަސައްކަތް ކުރާ ކަމަށް ލަޕޯޓާ ވިދާޅުވި އިރު، ހަބަރުތައް ބުނާ ގޮތުން ބާސާއިން މިހާރު ހޯދަން މަސައްކަތް ކުރަނީ ޔުވެންޓަސްގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާއެވެ.