ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ޗެލްސީއާއެކު ސިލްވާ ކޮންޓްރެކްޓް އާކޮށްފައި 2022-23 ގެ ސީޒަންގެ ނިޔަލަށެވެ.

އުމުރުން 37 އަހަރުގެ ޑިފެންޑަރު ސިލްވާ މި ސީޒަންގައިވެސް 22 މެޗު މިހާތަނަށް ކުޅެފައިވާ އިރު، އޭނާއަކީ ޗެލްސީގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ޑިފެންޑަރެކެވެ. މިދިޔަ ސީޒަންގައި ޗެލްސީއާއެކު ސިލްވާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުގެ ޑިފެންސް ލީޑު ކުރީވެސް ސިލްވާ އެވެ.

"ޗެލްސީއަށް ކުޅުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް. ފުރަތަމަ ޕީއެސްޖީން އައިއިރު އުންމީދެއްވެސް ނުކުރަން ތިން އަހަރު ވަންދެން ޗެލްސީއަށް ކުޅޭނެ ކަމަކަށް. އެކަމަކު ޗެލްސީ ޓީމުގައި އަހަރެން މިހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި ކްލަބަށް ހުރިހާ އެއްޗެއް ދޭން ތައްޔާރު. މި ކްލަބާއެކު ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގައި ކުޅެވޭތީ ހިތްހަމަ ޖެހޭ،" އެއްބަސްވުން އާކޮށް ސިލްވާ ބުންޏެވެ.

ބްރެޒިލް ޓީމަށް ވެސް ސިލްވާއަކީ މުހިއްމު ކުޅުންތެރިއެކެވެ. ވޯލްޑް ކަޕާ ދިމާކޮށް ސިލްވާގެ ފޯމު ރަނގަޅުކޮށް ހުރި އިރު، އޭނާ ސްކޮޑަށް ނަގާނެ ކަމަށް ބެލެވެއެވެ. ސިލްވާ ވަނީ މިދިޔަ އޮކްޓޯބަރު މަހު ބްރެޒިލާއެކު 100 މެޗު ހަމަކޮށްފައެވެ.