ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ފުލުހެއްގެ ގައިގައި ދަތް އެޅި މީހެއްގެ ބަންދަށް ދެ ދުވަސް ކުރިމިނަލް ކޯޓުން ދީފިއެވެ.
ފުލުހުން ބުނީ، 35 އަހަރުގެ އެ މީހާގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން ހަށިގަނޑު ބަލައި ފާސްކުރަން އުޅުމުން އެކަމަށް ދެކޮޅު ހެދިޔަސް އޭނާގެ އަތުން މަސްތުވާ އެއްޗެއް ފެނިފައިވާ ނުވާ ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ނުކިޔަމަންތެރިކަން ދެއްކިކަމުގެ ތުހުމަތުގައެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނެފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ނުކިޔަމަންތެރިކަން ދައްކައި ފުލުހެއްގެ ގައިގައި ދަތް އެޅުމުގެ ސަބަބުން އެ ފުލުސް މީހާއަށް އަނިޔާވެގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެހެންވެ މީހަކަށް އަނިޔާކުރިކަމުގެ ތުހުމަތު އޭނާއަށް ކުރާ ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދޭ ކަމަށެވެ.
ފުލުހުން ވަނީ ދަތްއެޅުމުގެ ސަބަބުން އަނިޔާވި ފުލުސް މީހާ ޑޮކްޓަރަށް ދެއްކިކަމުގެ ލިޔުމާއި ހާދިސާ ހިނގި ގޮތުގެ ރިޕޯޓު ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
އުމުރުން 35 އަހަރުގެ އެމީހާ ކޯޓުގައި ބުނެފައިވަނީ ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ ހަމައެކަނި ފިރިހެން ދަރިފުޅު ހިތާނުކޮށްގެން ހޮސްޕިޓަލުގައި ބާއްވާފައި އޮއްވައި ފެންވަރައިގެން ދަރިފުޅު ގާތަށް ދިޔަ މަގުމަތީގައި ކަމަށްވުމުން ނުކިޔަމަންތެރިކަން ދެއްކުނީ ކަމަށެވެ.
ފުލުހުން އޭނާ ހުއްޓުވައި ބަލައި ފާސް ކުރަން ޖެހޭ ސަބަބެއް މެދުވެރިފައި ނުވާނެ ކަމަށާއި ފުލުހުން ވެސް އޭނާގެ ކަރުގައި ހިފައި ގައިގައި ތަޅައި އަނިޔާ ކުރިކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ސްޓޭޝަނަށް ގެންދިއުމަށް ފަހު ތިން ފުލުހަކު ވެގެން އޭނާއަށް އިތުރަށް އަނިޔާކުރި ކަމަށް އަދި އެ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނާނެ ކަމަށެވެ. އަދި އަނިޔާކުރުމުގެ ސަބަބުން އޭނާގެ ކުޑަހުޅު ދުޅަވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާގެ މައްޗަށް ތުހުމަތެއް އުފެދޭ ވަރަށް ހެކި ހުރުމާއި ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ދެ ދުވަހަށް އޭނާ ބަންދު ކުރުމަށް މައްސަލަ ބެލި ގާޒީ ދީބަނާޒު ފަހުމީ އަމުރުކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު