ރާއްޖޭގެ ޓެލެގްރާމް ގުރޫޕެއްގައި މަސްތުވާތަކެތީގެ ބާވަތްތަކެއް ވިއްކަން އިޝްތިހާރު ކުރި މައްސަލަ ސަމާލުކަމަށް އައިސް އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެތީގެ އެކި ބާވަތްތައް ވިއްކަން، ޓެލެގްރާމް ގުރޫޕެއްގައި ދިވެހިންތަކެއް ކޮށްފައިވާ އިޝްތިހާރެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ޓެލެގްރާމް މެދުވެރިކޮށް މަސްތުވާތަކެތި ވިއްކުމަށް އިޝްތިހާރު ކުރި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އޭގެ މާބޮޑު ތަފުސީލެއް ފުލުހުން ނުދެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ އެވެ.