މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކާމިޔާބުކަމަށް ގަބޫލު ކުރާނީ ރާއްޖޭގައި ބްރިޖެއް އެޅުމަށް ޔޫރަޕުން ނުވަތަ އެމެރިކާއިން ފައިސާ ހޯދުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީންގެ ސަރުކާރުގައި ރާއްޖޭ އޮތީ ދުނިޔެއިން ބާކީވެފައި ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ވަރަށްވެސް ދޯދިޔާކަމަށް ބުނެ މިސަރުކާރުން ވަރަށް ގިނައިން ފާޑުކިޔާފައިވެއެވެ.
އެކަމަށް ރައްދުދެއްވައި "ޗެނެލް 13"ގެ ޕްރޮގްރާމެއްގައި މިރޭ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ހާރިޖީ ގުޅުން ބަލިކަށިކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އަރަބި ގައުމުތަކާ އެންމެ ބޮޑު ގުޅުމެއް ރާއްޖޭން އުފެއްދީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އެގޮތުން އަރަބި ލީގުގެ ގައުމަކަށް ރާއްޖެ ހަދައިދުނުމަށް އެދި ސައުދީ އަރަބިއްޔާއިން ހުށަހެޅިކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ޔޫރަޕްގެ ބައެއް ގައުމުތަކާ އެހާ ރަނގަޅު ގުޅުމެއް ނެތް ކަމަށާއި އެއީ އެގައުމުތަކުން ޑިމާންޑު ކުރަމުންދިޔަ ކަންތައްތަކުގެ ސަބަބުން ޑިޕޮލޮމެޓިކް ގުޅުމަށް ހުރަސް އެޅޭތީ ކަމަށެވެ. އަދި އެގައުމުތަކުން ރާއްޖެއަށް އެހީތެރި ވަނީ ތިމާވެށީގެ ކަންކަމުގައި ކަމަށާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި އެހީތެރިކަން ދިނުމަށް ފަސްޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ޔޫރަޕުގެ އެހީދޭނީ ތިމާވެށީގެ ޕްރޮޖެކްޓަކުން މި ލިބޭ ކޮންމެވެސް އެއްޗަކުން އެ ލިބެނީ. މިސާލަކަށް އަޅުގަނޑުމެންގެ ފެނާއި ހަރުދަމާގެ މަޝްރޫއުތަކަށް ޔޫރަޕުގެ އެހީ މިކަހަލަ ކަންކަމަށް ލިބޭ. އަޅުގަނޑު ދަންނަވާނީ މިހާރުގެ ހާރިޖީ ސިޔާސަތު އެހާ ކާމިޔާބުކަމަށް ވަންޏާ އެމެރިކާއިން ނުވަތަ ޔޫރަޕުން ބްރިޖެއް ހަދަން ފައިސާ ހިފައިގެން ވަޑައިގަންނަވާ. އެހާހިސާބުން އަޅުގަނޑުވެސް ގަބޫލުކުރާނަން އެއޮތީ ދުނިޔެއާ ވަރަށް ބޮޑަށް ގުޅިފައި ކަމަށް،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ރާއްޖެއިން ޗައިނާއާ ގުޅުން ބަދަހިކުރީ ރާއްޖެއިން ބޭނުންވާ އެހީތައް އެގައުމުން ފަސޭހަކަމާއެކު ލިބޭތީކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ލަސްތަކެއް ވަންޏާ އެ ފައިސާ އަވަހަށް ލިބޭނެ ގޮތަކުން ހޯދައިގެން އެ މަޝްރޫއުއެއް ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު