ހދ. ހަނިމާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބިޑްތައް އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑް ހިމަނައިގެން އަލުން އިވެލުއޭޓް ކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށާއި އަލަށް އިމާރާތްކުރާ 48 ހައުސިން ޔުނިޓް އެޅުމަށް މިދިޔަ ޖުލައި މަހު ސަރުކާރުން ހަވާލުކުރީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަޝްރޫއުއަށް އެސްޖޭ ކޮންސްޓްރަކްޝަނާއި އެސްޖޭ ޓްރޭޑް ލިމިޓެޑުން ބިޑް ހުށަހެޅިޔަސް، އެ ބިޑް ފުރިހަމަނުވާ ކަމަށް ބުނެ، ނޭޝަނަލް ޓެންޑާ ބޯޑުން އެ ބިޑްތައް އިވެލުއޭޓް ކޮށްފައިނުވެއެވެ. އެހެންވެ ބިޑް އަލުން އިވެލުއޭޓްކޮށް، އެ ބިޑް އެސްޖޭއަށް އެވޯޑްކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަމުރުކޮށްދިނުމަށް އެދި އެސްޖޭގެ ފަރާތުން، މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހދ. ހަނިމާދޫގައި ހައުސިން ޔުނިޓުތައް ނިންމުމަށް ކުރެވުނު ޕްރޮކިއުމަންޓުގެ ޓެންޑާއާ ގުޅިގެން، ހުށަހަޅާފައިވާ ބިޑްތަކަށް ބަލާއިރު، އެންމެ ރަނގަޅު ބިޑަކީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖޮއިންޓް ވެންޗާކޮށް ހުށަހަޅާފައިވާ ބިޑްކަން އެނގެން އޮތްއިރުވެސް، ޓެންޑާ ބޯޑުން އަމަލުކޮށްފައިވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށެވެ.

މީގެ އިތުރުން އެސްޖޭގެ ބިޑްތައް ޓެންޑާ ބޯޑުން އިވެލުއޭޓް ނުކުރަން ނިންމާފައި ވަނިކޮށް ރިވިއު ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު އެ ބިޑްތައް ބަލައިގަންނަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމަށް ޓެންޑާ ބޯޑުން އަމަލުކުރަން ޖެހޭނެ ކަމަށާއި އެކަމަކު ޓެންޑާ ބޯޑުން ބިޑްތައް އިވެލުއޭޓް ކުރީ ރިވިއު ކޮމެޓީގެ ނިންމުމަށް އަމަލު ކުރުމެއް ނެތި ކަމަށެވެ.

ހުކުމުގައި ވަނީ އެސްޖޭ ކުންފުނީގެ ބިޑްތައް ބަލައިގަތުމަށާއި އެ ބިޑްތައް ހިމެނޭހެން މިއަދުން ފެށިގެން 20 ދުވަސް ތެރޭގައި ހުރިހާ ބިޑްތައް އަލުން އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް އެ މަޝްރޫއު ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ހަނިމާދޫ ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 79.3 މިލިއަން ރުފިޔާ ހިންގާ މަޝްރޫއެކެވެ.