އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހިމެނޭހެން ޕީއެސްޖީގެ ހަތަރު ކުޅުންތެރިޔަކު ކޮވިޑަށް ޕޮސިޓިވްވެއްޖެއެވެ.

ޕީއެސްޖީން ފްރެންޗް ކަޕްގައި ހަތަރުވަނަ ޑިވިޝަންގެ ވަނެސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ހެދި ޓެސްޓްތަކުގައި މެސީގެ އިތުރުން ދެން ކޮވިޑަށް ޕޮސިޓިވްވެފައި ވަނީ ޖުއާން ބަނެޓް، ނަތަން ބިޓުމަޒާލާ އަދި ސާޖިއޯ ރިކޯއެވެ. އެ ހަތަރު ކުޅުންތެރިންވެސް މިވަގުތު ތިބީ އެކަހެރި ވެގެންނެވެ. ސީޒަން ބްރޭކަށް މެސީ އާޖެންޓީނާއަށް ގޮސްފައިވާ އިރު، ކޮވިޑުން ރަނގަޅު ވަންދެންވެސް މަޑުކުރާނީ އެގައުމުގައެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފައި ވަނީ މެސީ އެނބުރި އަންނާނެ ތާރީހެއް ބުނަން އުނދަގޫވާނެ ކަމަށެވެ. ފިނި މޫސުމުގެ ބްރޭކަށްފަހު ޕީއެސްޖީން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ޖެނުއަރީ ނުވަވަނަ ދުވަހު ނުކުންނާނީ ލިޔޯންއާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނަ އިރު، އެޓީމުގެ ބްރެޒިލް ތަރި ނޭމާ ހުރީ އަނިޔާގައެވެ. ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވެ ރިކަވަރީގެ މަސައްކަތް ކުރަމުންދާ އިރު، ނޭމާއަށް އެނބުރި އާދެވޭނެ ކަމަށް ބެލެވެނީ ތިން ހަފުތާ ފަހުންނެވެ.

ޕީއެސްޖީން މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުން އެޓީމު ވަނީ 46 ޕޮއިންޓް ހޯދައިފައެވެ. ބޮޑު ލީޑެއްގައި ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތް އިރު، އެޓީމުން އެންމެ ބޮޑަށް ފޯކަސް ކުރާނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް މެޑްރިޑާ ދެކޮޅަށް ފެބްރުއަރީގައި ކުޅެން އޮތް މެޗަށެވެ.