ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ލިޔެކިޔުންތައް ލިބިފައިވާކަން ކަށަވަރު ކުރުމަށް އިތުރު ވަގުތު ދިނުމަށްފަހު މި މަހުގެ 13 ވަނަ ދުވަހާއި 27 ވަނަ ދުވަހު އެ ޝަރީއަތްތަކުގެ އިތުރު އަޑުއެހުންތައް ބާއްވަން ކުރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ރަޝީދު މިއަދު ނިންމަވައިފިއެވެ.

ގާޒީ މިގޮތަށް ނިންމެވީ އާރަށު މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑު އެހުމުގައެވެ. މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އެ މައްސަލައިގައި ރިޝްވަތު ދިން ކަމަށް ދައުވާކުރާ ވ. ފުލިދޫ/ ހަނދުވަރީގެ ޔޫސުފް ނައީމަށް ކުރާ ދައުވާއާއެކު އެކީގައެވެ.

އެގޮތުން މިއަދު ބޭއްވީ ޝަރީއަތް ފެށުމުގެ ގޮތުން ބާއްވާ އިބުތިދާއީ އަޑުއެހުންތަކުގެ ތެރެއިން ދައުވާ ލިބޭ ފަރާތްތަކަށް ހައްގުތައް ލިބިދީފައިވޭތޯ ކަށަވަރު ކުރުމާއި ދައުވާއާބެހޭ ލިޔުންތައް ލިބުނުތޯ ބެލުމަށެވެ.

އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައި ވަނީ، މަނީލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ، އޭޕްރީލް މަހުގެ ތެރޭގައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލައިގެ ލިޔެކިއުންތައް ލިބިފައިވޭތޯ ގާޒީ އައްސަވައި، ދައުވާ ލިބޭ ދެފަރާތަށްވެސް ގާނޫނީ ގޮތުން ލިބިގެންވާ ހައްގުތަކަކީ ކޮބައިކަން ސާފުކޮށް ދެއްވިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު، އަދި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، މައްސަލައިގެ ބައެއް ލިޔެކިޔުންތައް ލިބުނީ މިއަދު ބާރަ ޖަހާ އެހާކަންހާއިރު ކަމަށްވާތީ، އެ ލިޔެކިޔުންތައް ފުރިހަމަވެފައިވޭތޯ ބަލައި ދިރާސާކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އެހެންކަމުން އިސް ގާޒީ ވިދާޅުވީ، މިމަހު 13 ވަނަ ދުވަހު ހެނދުނު 9:30ގައި އިތުރު އަޑުއެހުމެއް ބާއްވައި ލިޔުންތައް ލިބިފައިވޭތޯ ކަށަވަރު ކުރުމަށްފަހު މިމަހު 27 ވަނަ ދުވަހުގެ 9:30ގައި ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ރިޝްވަތު ދިން ކަމަށް ދައުވާ ކުރާ ޔޫސުފް ނައީމަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް ދިނުމަށްވެސް ގާޒީ ނިންމެވިއެވެ.

ދައުލަތުގެ ވަކީލުން ބުނީ ގާޒީ ނިންމެވި ނިންމުމާމެދު އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

މި ދައުވާ ހުށަހަޅަމުން ޕީޖީ އޮފީހުން ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި، ލޯންޑާ ކޮށްފައިވާ ކަމަށެވެ.