މެންޗެސްޓާ ސިޓީއަކީ އާދަޔާހިލާފު މޮޅު ޓީމެއް ކަމަށާއި، އެޓީމުގައި މޮޅުވުމުގެ ސަގާފަތެއް ހަރުލާފައި ވާ ކަމަށްވެސް ޗެލްސީ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ޕްރިމިއާ ލީގަށް ވާދަކުރަމުން އަންނަ ޗެލްސީގެ ކޯޗު ޓުޗެލް ސިޓީއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވާ އިރު، އޭނާ ބުނެފައި ވަނީ ތަށްޓަށް އުންމީދު ކަނޑާނުލި ނަމަވެސް ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. ހަގީގަތަކީ ސިޓީއަކީ ކްލަބު ހިންގުމު އެންމެ މަތިން ފެށިގެންވެސް އާދަޔާހިލާފު މޮޅު ޓީމެއް ކަމަށާއި، ކްލަބުގައި އޮތީ ތަފާތު ރޫހެއް ކަމަށްވެސް ޓުޗެލް ބުންޏެވެ.
"ސީޒަން ތެރޭގައި މެޗަކުން ފަހު މެޗަކުން މޮޅުވެ، ގިނަ ޕޮއިންޓްތަކެއް ނަގަން ސިޓީއަށް އެނގޭ. ސިޓީއަކީ މެޝިނެއް. މޮޅުވުމުގެ މެޝިނެއް. ޗެލްސީން ތަށީގެ އުންމީދު ދޫކޮށް ނުލިނަމަވެސް، ހަގީގަތް ގަބޫލުކުރަން ވާނެ. ސިޓީއަކީ ކްލަބު ހިންގުމުން ފެށިގެންވެސް ވަރަށް ކޮލިޓީ ޓީމެއް. އާދަޔާހިލާފު މޮޅު ޓީމެއް،" ޓުޗެލް ބުންޏެވެ.
ސިޓީން އެންމެފަހުން ލީގުގައި ކުޅުނު 11 މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، އެއްވަނައިގައި އޮތީ 11 ޕޮއިންޓްގެ ލީޑެއް ގައެވެ. ދެވަނައިގައި މިވަގުތު ޗެލްސީ އޮތް އިރު، ސިޓީއާ ގާތަށް ޖެހިލުމަށް މިރޭގެ މެޗުން ފުރުސަތު އެބައޮތެވެ. މިރޭ ޕްރިމިއާ ލީގުގައި ކުޅޭ މެޗުގައި ޗެލްސީން ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.
ސިޓީން ހަތްވަނަ ތަށްޓެއް ހޯދުމަށް މިސްރާބު ހިފާފައިވާ އިރު، ޕެޕް ގާޑިއޯލާގެ ޓީމުން ފެންނަނީ އެ ފެންވަރެވެ. ޗެލްސީ ކޯޗު ޓުޗެލް ބުނެފައި ވަނީ ޗެލްސީގެ ކުރިއެރުމަށްވެސް އޭނާ ފަހުރުވެރިވާ ކަމަށާއި، މިދިޔަ ސީޒަނާ އަޅާބަލާ އިރު، ޗެލްސީ ފެންނަނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ސިޓީ ފަދަ ޓީމުތަކަކީ އެއް ފެންވަރެއްގައި ދެމެހެއްޓުމަށް ބުރަކޮށް މަސައްކަތް ކޮށް، އެކަން ކާމިޔާބު ކޮށްފައިވާ ޓީމުތައް ކަމަށްވެސް ޓުޗެލް ބުންޏެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު