އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަލީމަތު ލަމްހާގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ލަމްހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.
މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިން އެވެ. އެއިރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ.
ނަމަވެސް އެކަމުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއެވެ. ފުލުހުން އެ މަރާ ގުޅިގެން އަދި މިހާތަނަށް މާގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މޭރީ މަރު ވީ ދަންޖެހިގެން ކަމަކަށް ނުބެލެވޭ ކަމަށާއި، ބޮޑަށް ބެލެވެނީ އަނިޔާތަކެއް ކުރުމަށްފަހު މަރާލީ ކަމަށެވެ. އޭނާގެ ޕޯސްޓަމުގައި ވެސް ވަނީ އެގޮތަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އަދި މި މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު