އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން އާސެނަލް ބަލިކޮށްފިއެވެ.

އާސެނަލްގެ އެމިރެޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއިން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް ދެވަނަ ހާފަށް ނުކުމެ ސިޓީން އެއްވަރުކޮށް، މެޗުގެ އޮއެވަރު އަނބުރާލިއެވެ. އަދި އާސެނަލްއިން އަލުން ލީޑު ނަގަން ކުރި ހިތްވަރަށް ހުރަސް އެޅުނީ ގެބްރިއަލް މަގަނައިލްސްއަށް ދެއްކި ރަތް ކާޑުންނެވެ.

މިރޭގެ މޮޅަކީ ސިޓީން ލީގުގައި ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅެވެ. އެޓީމުން ލީގުގެ އެއްވަނައިގައި 21 މެޗުން 53 ޕޮއިންޓް ހޯދައިފައި އޮތް އިރު، ދެވަނައިގައި އޮތް ޗެލްސީއަށް 20 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލިވަޕޫލަށް 19 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ.

މިވަގުތު އާސެނަލް އޮތީ ލީގި ތާވަލުގެ ހަތަރުވަނައިގައެވެ. އެޓީމަށް 20 މެޗުން 35 ޕޮއިންޓް ލިބިފައިވާ އިރު، މިރޭ ކުޅެން އޮތް ވެސްޓް ހަމްއަށް 19 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. މެންޗެސްޓާ ޔުނައިޓެޑަށް 18 މެޗުން 31 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ. ޓޮޓެންހަމް 30 ޕޮއިންޓާއެކު މިވަގުތު ހަތްވައިގައި އޮތް ނަމަވެސް އެޓީމަށް އަދި ލީގުގައި ކުޅެވިފައި ވަނީ 17 މެޗެވެ.

އާސެނަލްއިން މެޗު ފެށީ ވަރުގަދަ ކޮށެވެ. އެޓީމުން ސިޓީން އެޓޭކްތައް ހުއްޓުވަން މުހިއްމު މަސައްކަތްތަކެއް ކުރުމުގެ އިތުރުން ސިޓީގެ ގޯލަށް ނުރައްކާވެސް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އާސެނަލްއިން ހާފު ނިންމާލީ ލީޑުވެސް ނަގައިގެންނެވެ. އަރިމަތިން ހުރަސްވެގެން ދިޔަ ބޯޅަ ތިރިތިރީން ގޯލު ތެރެއަށް ވައްދާލީ ބުކަޔޯ ސަކާއެވެ.

ދެވަނަ ހާފަށް ނުކުމެ ސިޓީން މެޗަށް އަނބުރާ ވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. ބަނާޑޯ ސިލްވާއަށް ގްރަނިޓް ޒަކާ ކުރި ފައުލަށް ލިބުނު ޕެނަލްޓީގައި ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިޔާދު މަހަރޭޒްގެ ޕެނަލްޓީންނެވެ. ސިޓީއަށް މަހަރޭޒް އެންމެފަހުން ކުޅުނު ފަސް މެޗުގައިވެސް އޭނާ ގޯލު ޖަހައިފައިވެއެވެ.

ސިޓީއަށް ޕެނަލްޓީއެއް ލިބުނުތާ މިނެޓެއް ފަހުން ދެން ފެނުނީ ގެބްރިއަލްއަށް ރަތް ކާޑު ދެއްކިތަނެވެ. ފުލުފުލުގައި އޭނާއަށް ދެއްކި ދެ ރީނދޫ ކާޑާއެކު ރެފްރީ ދެއްކި ރަތްކާޑުން އާސެނަލް ފަހަތަށް ޖެހެން މަޖުބޫރުވިއެވެ. ސިޓީން ކުރިއަށް ޖެހި ޕްރެޝަރުކޮށް ގޯލު ޖެހީ ފަހު ވަގުތުގައެވެ. އާސެނަލް އޭރިއާ ތެރެއަށް ވެއްޓުނު ބޯޅައަށް ކުރިއަށް އަރައި މެޗުގެ ސްކޯ އަނބުރާލީ ރޮޑްރީގެ ގޯލުންނެވެ.

މެޗަށް އާސެނަލް ނުކުތް އިރު އެޓީމުގެ ބެންޗުގައި އިރުޝާދު ދޭން ހުރީ އެސިސްޓެންޓް ކޯޗެވެ. ޓީމުގެ ކޯޗު މިކޭލް އާޓެޓާއަށް ކޮވިޑް ޖެހި، ހުރީ ކަރަންޓީނުގައެވެ.