ޚަބަރު

އަހަރުގެ ފުރަތަމަ ފަތުރުވެރިޔަކަށް އިނގިރޭސި ރައްޔިތެއް، އޭނާއަށް ބޮޑު ސަޕްރައިޒެއް!

ރިފާ ހަލީލު

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޖޯޖީނާއެވެ. އޭނާ ރާއްޖެ އައީ އޭނާގެ ފިރިމީހާ އާއެކުގައެވެ.

ވީއައިއޭގައި ހުރެ މިއަދު ހެނދުނު ޖޯޖީނާ ބުނީ މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރު ކަމަށާއި މިއަދު ލިބުނު ބޮޑު ސަޕްރައިޒާއެކު އިތުރަށް ރާއްޖެ އަންނަން ބޭނުންވާ ކަމަށެވެ. އަދި އެހެން ގައުމުތަކުންވެސް ވީހާވެސް ގިނަ ފަތުރުވެރިން ރާއްޖެ އައުމަށް އޭނާ ވަނީ ދައުވަތު ދީފައެވެ.

ވީއައިއޭ އިން މި ދެމަފިރިންނަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެމްއޭސީލްއެލްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުންނެވެ. އެއާޕޯޓުގައި މިއަދު ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ހާއްސަ ހަރަކާތުގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުން ވަނީ ޖޯޖީނާއަށް ހަދިޔާ ދީފައެވެ.

ޖޯޖީނާ ބުނީ މިދިޔަ އަހަރުވެސް އޭނާ ރާއްޖެ އައި ކަމަށާއި އެކަމަކު ދެވަނަ ފަހަރަށް ރާއްޖެ އައުމުން މިފަދަ ބޮޑު ޝަރަފެއް އޭނާއަށް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ޗުއްޓީ ނިންމާލުމަށްފަހު އެނބުރި ދިޔައީ އާއިލާ އާއި ރައްޓެހިންނާއެކު އަލުން ރާއްޖެ އަންނާނެ ކަމަށް އުއްމީދުކޮށްގެން ކަމަށް އޭނާ ބުންޏެވެ.

ޖޯޖީނާގެ ދެމަފިރިން މިފަހަރު ރާއްޖޭގައި 11 ދުވަސް ހޭދަކުރުމަށް ވަނީ ނިންމައިފައެވެ. އެއީ ސިނަމަން ހަކުރާ ހުރާ ރިސޯޓުގައެވެ.