ޗެލްސީގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ، ކްލަބުގެ ކަންކަމާ ގުޅިގެން ދެއްކި ވާހަކައަށް ކޯޗު ތޯމަސް ޓުޗެލް ރައްދު ދީފިއެވެ.
ޗެލްސީއަށް މި ސީޒަނަށް ބަދަލުވި ލުކާކޫ މީގެ ދެ ހަފުތާ ކުރިން ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއް އާންމުވެފައިވާ އިރު، އެ އިންޓަވިއުއާއެކު ވަނީ ތަފާތު ވާހަކަތަކެއް ފެންމަތިވެފައެވެ. އިންޓަ މިލާނަށް ތައުރީފުކޮށް އިންޓަވިއުގައި ލުކާކޫ ވާހަކަ ދައްކާފައިވާ އިރު، ޗެލްސީގެ ސަޕޯޓަރުންނާއި ކްލަބަށް އަމާޒުކޮށް ލުކާކޫ ވަނީ ގިނަ ވާހަކަތަކެއް ދައްކައިފައެވެ.
"އަހަރެން ހިތުގައި އަބަދުވެސް އޮންނަނީ މިލާން، މިލާން، މިލާން. އިންޓަ ސަޕޯޓަރުންނަކީ ދުނިޔޭގެ އެންމެ ތަފާތު، އެންމެ ރަނގަޅު ސަޕޯޓަރުން. އަހަރެން އިޓަލީއަށް އިންތިހާއަށް ލޯބިކުރަން. އަހަރެން ކެރިއަރުގައިވެސް އެންމެ މުހިއްމު ވަގުތުތައް ހުރީ އިންޓަގައި. އިޓަލީއަށް އަބަދުވެސް އަހަރެން ވަރަށް ބޮޑަށް ލޯބިކުރަން،" ލުކާކޫގެ އިންޓަވިއުގައި އޭނާ ބުންޏެވެ.
ލުކާކޫ ބުނީ އެނބުރި އިޓަލީއަށް ދާން ބޭނުންވި ކަމަށާއި، އަބަދުވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ. އޭގެ އިތުރުން ލުކާކޫ ބުނީ އޭނާ އަބަދުވެސް ގަބޫލުކޮށްގެން ހުރީ އިންޓައަށް ފަހު ބާސެލޯނާ، ރެއާލް މެޑްރިޑް ނޫނީ ބަޔާން މިއުނިކަށް ދާން ކަމަށާއި، އެކަން ހާސިލު ނުވުމުންވެސް މެންޓަލީ އުނދަގޫތަކެއް ހުރި ކަމަށެވެ. އެންމެ ބޮޑަށް ލުކާކޫ ފާހަގަކުރީ ޗެލްސީ ކޯޗު ޓުޗެލްގެ ޓެކްޓިކްސް އޭނާގެ ކުޅުމަށް ފިޓް ނުވާ ކަމެވެ.
އެ އިންޓަވިއުގެ ސަބަބުން ޓުޗެލްވެސް ވަނީ މީޑިއާއާ ވާހަކަ ދައްކައިފައެވެ.
"ލުކާކޫގެ ވާހަކައިން އިވެން ނުޖެހޭ އަޑުތަކެއް އިވިއްޖެ. އަހަރެން ގަޔާވާ ކަމެއް ނޫން. އެކަމަކު އެ ވާހަކަ ބޮޑުކޮށް، އޭގެ އިތުރު ވާހަކަތަކެއް އުފަން ވާކަށް ބޭނުމެއް ނޫން. އެއީ ބުނި އެއްޗެއް އެ ނޫން މާނައެއްގައި ބޭނުން ކުރެވުންވެސް އެކަށީގެންވޭ. އަހަރެން އަބަދުވެސް ބަލަނީ ވަރަށް މަޑުމައިތިރި މާހައުލެއް ގާއިމުކޮށްދޭން،" ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ ލުކާކޫގެ ނުތަވަސް ކަމެއް ހުރިކަން އެނގިފައި ނުވާ ކަމަށާއި، އެ ވާހަކަތައް ލުކާކޫ ދެއްކުމުގެ ސަބަބުން ހައިރާން ކަމެއް ލިބިފައިވާ ކަމަށެވެ. އަދި ލުކާކޫއާ އެކަނި ވާހަކަ ދައްކަން ބޭނުންވާ ކަމަށާއި، ކަންކަން ހައްލުކުރަން ބޭނުންވާ ކަމަށް ވެސް ޓުޗެލް ބުންޏެވެ.
ޗެލްސީން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، މި ސީޒަނަށް އިތުރަށް ޓީމު ވަރުގަދަކޮށް ނުކުތީ ލީގަށްވެސް ވާދަކުރުމަށެވެ. ސީޒަން ރަނގަޅަށް ފެށި ނަމަވެސް މިހާރު އެޓީމަށް އަނިޔާގެ މައްސަލަތަކެއް ދިމާވެ، ޗެލްސީއަށް ވަނީ ދަތި ހާލަތްތަކާ ކުރިމަތިލާން ޖެހިފައެވެ. ލުކާކޫއަށްވެސް އަނިޔާގެ އިތުރުން ކޮވިޑްގެ ސަބަބުން ސީޒަނުގެ ބައެއް މެޗުތައް ވަނީ ގެއްލިފައެވެ.