މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް 300 އަށްވުރެ ގިނަ ޕްރައިވެޓު ޖެޓް ޖައްސާފައިވާ ކަމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް 300 އަށްވުރެ ގިނަ ޕްރައިވެޓް ޖައްސައިފައިވާ ކަމަށެވެ. އަދި މިދިޔަ ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހު ވީއައިއޭއަށް 35 ޕްރައިވެޓް ޖެޓު ޖައްސައިފައިވާ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.

އޭގެ ތެރެއިން ގިނައީ އާ އަހަރު ފެށުން ފާހަގަކުރުމަށް ރާއްޖެ އައި މީހުން ކަމަށް އެމްއޭސީއެލުން ބުންޏެވެ. ކޮންމެ އަހަރެއްގައި ވެސް ޕީކް ސީޒަނާ ދިމާކޮށް ވީއައިއޭއަށް ޕްރައިވެޓް ޖެޓު ޖައްސާ މިންވަރު އިތުރުވެއެވެ.

ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު މިދިޔަ ހޯމަ ދުވަހު ވަނީ ހާސިލުވެފައެވެ.

މި ފެށުނު އަހަރުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.