މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ގުޅުން ބަދަހިކުރުމެވެ. ބަވަނަވެފައިވާ ދުނިޔޭގައި ވަކިވެގަނެގެން އުޅުމުގެ ސިޔާސަތަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތެއް ނޫނެވެ. ރާއްޖެއަކީ ކުޑަގައުމެއް ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަނެފައިވާ ގައުމަކަށް ހެދުމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހާއްސަ އިސްކަމެއް ދިން ކަމެކެވެ. ދޭދޭ ގައުމުތަކާއި އޮންނަ ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ މުޖުތަމައުގެ ލޯބި ރާއްޖެއިން ވަނީ ހޯދައިފައެވެ. ހާރިޖީ ދާއިރާއިން ރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމެއް ތަމްސީލުކުރާ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުނެވެ. އެ ފަހުރުވެރި ގޮނޑިކޮޅުގައި މިއަދު އިންނެވީ، ރާއްޖޭގެ ހާރިޖީ ވަޒީރު، އަބްދުﷲ ޝާހިދެވެ.

އދ.ގެ 76 އާންމު މަޖިލީހުގެ ރައީސަކަށް މިނިސްޓަރު ޝާހިދު މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހު އިންތިހާބުވެވަޑައިގަތީ، އދ.ގެ 193 މެންބަރު ގައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓުގައި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލާއި ވާދަކޮށް، 143 ވޯޓު ހޯއްދަވައިގެންނެވެ. ރަލްމައި އަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ. މިއީ މި މަގާމަށް ދިވެއްސަކު އިންތިހާބުވެވަޑައިގަތް ފުރަތަމަ ފަހަރެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގަތުމާއެކު މިނިސްޓަރު ޝާހިދު ފުރަތަމަވެސް ވިދާޅުވީ، ކުރިން ނުހުޅުވޭ އެތައް ދޮރެއް މިހާރު ހުޅުވޭނެ ކަމަށެވެ.

ތެދުފުޅެކެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް މަގާމެވެ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދުނިޔޭގެ ހުރިހާ ގައުމެއްގެ ހާރިޖީ ދޮރުގައި ޓަކި ޖެހުމުގެ ފުރުސަތު މިނިސްޓަރު ޝާހިދަށް މިހާރު ލިބިވަޑައިގަންނަވާނެއެވެ. އެއާއެކު ކުރިން ރާއްޖެއާއެކު މަޝްވަރާތައް ކުރުމަށް ފެޔަށް ޖެހޭ އެތައް ގައުމަކުން ރާއްޖެއާ ގުޅުން ބަދަހިކޮށް، ރާއްޖޭގެ ހާރިޖީ ސިޔާސަތު އިތުރަށް ވަރުގަދަ ވުމަށް މަގުފަހިވެގެންދާނެއެވެ.

"ދިވެއްސަކު މި މަގާމުގައި އިނީމަ، އިހަށް ނުހުޅުވުނު އެތައް ދޮރެއް ހުޅުވިގެންދާނެ، ރާއްޖެއާ ގުޅެން ބޭނުންވާ ވެރިން ތިބޭނެ. ވެރިން ރާއްޖެއާ ބައްދަލު ކުރަން ބޭނުން ވާނެ. އަޅުގަނޑު ފޮރިން މިނިސްޓަރުކަމުގައި ހުރެގެން ކުރިން ބައްދަލު ނުވި ކިތަންމެ ވަޒީރުންނަކާ ދެން ބައްދަލު ކުރެވޭނެ،" އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވުމާއެކު ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި ޝާހިދު ވިދާޅުވެފައިވެއެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށް ފަހު ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި، އެމަނިކުފާނު އެންމެ ހާއްސަ އިސްކަމެއް ދެއްވާނީ ދުނިޔޭގެ ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށެވެ. މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން ދުނިޔޭގެ ހަމަޖެހުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެ ތަގުރީރުގައި މިނިސްޓަރު ޝާހިދު އެދިވަޑައިގަތީ، ގައުމުތަކުން ގުޅިގެން ދުނިޔޭގެ އިސްލާހަށް މަސައްކަތް ކުރެއްވުމަށެވެ. މިނިސްޓަރު ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި އިންނެވިއިރު، އެ ޖަލްސާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް، ދިވެހިންގެ އަޑު، 193 ގައުމުގެ ކުރިމަތީގައި އެހާ ބޮޑަށް ގުގުމާލި ފުރަތަމަ ފަހަރެވެ. އެ ޖަލްސާގައި ރައީސް ސޯލިހު ތަގުރީރު ކުރެއްވީ ދިވެހި ބަހުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް އިންނެވުމަކީ ރާއްޖެއަށް ލިބޭ ފަހުރެކެވެ. އެއީ އދ.ގެ މެންބަރު ގައުމު ތަކުގެ އަދަދު 193 ގައި އޮތް ނަމަވެސް، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ގައުމަށް ވެސް ރިޔާސަތަށް އައުމުގެ ފުރުސަތު ލިބިފައި ނުވާތީއެވެ. އެ ފުރުސަތު ލިބިފައި ވަނީ އެންމެ 74 ގައުމަށެވެ. އެ 74 ގައުމުގެ ތެރޭގައި މި ކުޑަ ކުޑަ ރާއްޖެ ހިމެނުމަކީ ހުރިހާ ދިވެހީންނަށް ވެސް ލިބޭ ބޮޑު ޝަރަފެކެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ދުނިޔޭގައި އެންމެ ބާރު ހިނގާނެ އެއް ލީޑަރަށް ވާނެއެވެ. އެއީ އދގެ އާންމު މަޖިލީހަށް ހުށަހަޅާ މައްސަލަތައް އެޖެންޑާ ކުރުމުގެ ބާރު އޮންނަނީ އެ މަޖިލީހުގެ ރައީސްގެ އަތްޕުޅުގައި ކަމަށްވާތީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމަށް ވެސް ފައިދާތަކެއް ކުރެއެވެ. އިގްތިސޯދީ ކުރިއެރުމާއި ތަރައްގީގެ އެތައް ފުރުސަތެއްގެ ދޮރު ހުޅުވިގެންދެއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް މިނިސްޓަރު ޝާހިދު އިންތިހާބުވެވަޑައިގެން، ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނަށް ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފައެވެ. މިއީ ރާއްޖޭގެ ހާރިޖީ ދާއިރާ ހަރުދަނާކުރުމަށް މިނިސްޓަރު ޝާހިދު ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ދައުލަތުގެ އިއްޒަތުގެ ލަގަބާއި، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހިދު މިއަދު އެ ހުންނެވީ، ދުނިޔޭގެ އެންމެ އުހުގަ އެވެ. މިނިސްޓަރު ޝާހިދުގެ ސަބަބުން ރާއްޖޭގެ ނަން މިއަދު މިވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ވިދާލާފައެވެ. އެންމެ އުހުގަ އެވެ.