އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބާންލީ ބަލިކޮށްފިއެވެ.
ރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ބާންލީ ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ލީގު ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. ޔުނައިޓެޑް ހަ ވަނަ އަށް އެރީ 18 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ވެސްޓްހަމް ޔުނައިޓެޑަށް 19 މެޗުން 31 ޕޮއިންޓް ލިބިފައިވާ އިރު، ޔުނައިޓެޑަށް މެޗު ހަމަކޮށް ވެސްޓްހަމް ވައްޓާލެވިދާނެއެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ތިން ގޯލުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެއީ މިއަހަރު ޖެނުއަރީ މަހަށްފަހު ޔުނައިޓެޑުން ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
މެޗުގެ އަށްވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ، އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ކާވް ޝޮޓާއެކު ޔުނައިޓެޑުން މެޗުގެ ލީޑު ނެގިއެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑުން ދެވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ އަރިމަތިން އަރައި ޖޭޑަން ސަންޗޯ ފޮނުވާލި ހަމަލާއަކުން ބެން މީގެ ގައިގައި ބޯޅަ ޖެހި މިސްރާބު ބަދަލުވެގެން ވަން ގޯލެކެވެ.
މެޗުގެ 35 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ ރޮނާލްޑޯއެވެ. މެކްޓޮމިނޭ ޖެހި ޝޮޓެއް ބާންލީ ކީޕަރު ވޭން ހެނޭސީ އަތުގައި ޖެހި، ދަނޑީގައިވެސް ޖެހިފައި ނުކުތް ވަގުތު ރޮނާލްޑޯ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
މެޗުގައި ބާންލީން ޖެހި ހަމައެކަނި ގޯލަކީ އެރިކް ބެއިލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އާރޮން ލެނަން ޖެހި ގޯލެކެވެ.
ކޯޗު އޮލެ ގުނަ ސޮލްޝެއާ ވަކިކުރި ފަހުން ކޯޗުކަމާ ހަވާލި ރާފް ރަންގްނިކަށް ރޭގެ މޮޅު ވެގެންދާނީ ފަސޭހައަކަށެވެ. ކޯޗު ސޮލްޝެއާ ވަކިކުރި ފަހުން ޔުނައިޓެޑުން ކުޅުނު އަށް މެޗުންވެސް އެޓީމު ބަލިވެފައިނުވާ އިރު، ރޭގެ މެޗު ވަރަށް ބޮޑަށް ސާ އެލެކްސް ފާގަސަންއަށްވެސް ސަޕޯޓަރުން ހާއްސަ ކުރިއެވެ. އާ އަހަރާ ދިމާކޮށް ސާ އެލެކްސް ފާގަސަންގެ 80 އަހަރުވީ އުފަން ދުވަސް ފާހަގަކުރަން އޭނާ ތައްޔާރުވަމުންދާ އިރު، ރޭ ދަނޑުން ވަނީ ފާގަސަންގެ އުފަން ދުވަހުގެ ތަހުނިޔާއަށް ހާއްސަ ބޮޑު ބެނާއެއް ފެނިފައެވެ.