2021 ވަނަ އަހަރު ނިމިގެންދާއިރު، އަހަރުގެ ތެރޭގައި ފާހަގަ ކޮށްލެވޭ ގިނަ ކަންތައްތަކެއް ވަނީ ހިނގައިފައެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެކި ގޮތްގޮތުން ފާހަގަ ކޮށްލެވެއެވެ. މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ތަފާތު މަޖިލީހެއް ކަމާއި އެ މަޖިލީހުގެ މަސައްކަތްތައްވެސް ތަފާތުވާނެ ކަމަށް، ފަހުރުވެރިކަމާއެކު މަޖިލިސް މެންބަރުން ވިދާޅުވަމުން ގެންދަވައެވެ.
އެގޮތުގެ މަތިން އަހަރު ނިމިގެންދަނިކޮށް މަޖިލީހުން ވަނީ ފާހަގަކޮށްލެވޭ ބޮޑު މަސައްކަތެއް ނިންމާލައިފައެވެ. އެއީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގާނޫނީ ހުސްކަމަކަށް ގެނެސް އެތަނުގެ މަސައްކަތްތައް ހުއްޓުވާލައި އެތަނުގައި ތަޅު އެޅުވުމެވެ. އެކަންތައްތައް ރައްޔިތުންގެ މަޖިލީހުން ކޮށްފައި ވަނީ މަޖިލިސް ޗުއްޓީގައި އޮވެގެން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިސްވެ އޮވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަކީ މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމާއި، ފިޔަވަޅެއް އަޅަން ޖެހޭނަމަ އެ ފިޔަވަޅެއް އެޅުމުގެ އިތުރުން މުއައްސަސާތަކުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖައްސަން ޖެހޭ ކަންތައްތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހަމަޖައްސައިދިނުމުގެ މެއިންޑޭޓް ހިމެނޭ ކޮމިޓީއެވެ.
އެ މެއިންޑޭޓްގެ ދަށުން އޭސީސީ ޖަވާބުދާރީ ކުރުވަން މިއަހަރު ކޮމިޓީން ވަނީ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފައެވެ. ޖަވާބުދާރީ ކުރުވުމުގެ ގޮތުން އެތައް ފަހަރަކު އޭސީސީ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ކޮމިޝަންގެ މަސައްކަތްތަކާބެހޭގޮތުން ސުވާލު ކޮށްފައިވެއެވެ. ނަމަވެސް ވަކި ހިސާބަކުން އޭސީސީ މެންބަރުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ކޮމިޓީއަކަށް ކަމަކު ނުދިޔައެވެ. ކޮމިޓީން ބުނަމުން އައީ އޭސީސީގެ މެންބަރުންނަށް އެންމެ ރަނގަޅަށް މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭ ކަމަށާއި، މަސައްކަތްތައް އިންތިހާއަށް ލަސް ކަމަށެވެ.
ކޮމިޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައި އޭސީސީއަށް އަވަސް، ރަނގަޅު ނަތީޖާތަކެއް ނުނެރެވުމެވެ. އޭސީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ކޮމިޓީގެ މެންބަރުން އެންމެ ގިނައިން ސުވާލު ކުރީވެސް ބޮޑު ހިޔާނާތުގެ މައްސަލައިގައެވެ. އެފަދަ ބައެއް ބައްދަލުވުންތަކުގައި މައްސަލަތައް ނިންމޭނެ ތާރީހުތަކެއް ވެސް ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ދެއްވިއެވެ. ނަމަވެސް ގިނަ ކަންތައްތައް އެ ތާރިހުތަކަށް ނިންމާލެވިފައެއް ނުވެއެވެ. ނަމަވެސް ކޮމިޓީއަށް ތާރީހުތައް ދެއްވާ އިރު ޝިއުނާ ކޮމިޓީގެ ސަމާލުކަމަށް ގެންނަ ކަމެއް އޮވެއެވެ. އެއީ އެ މަސައްލަތައް ތަހުގީގު ކުރުމަކީ ހަމައެކަނި އޭސީސީން ކުރާ ކަމެއް ނޫން ކަމަށާއި އެއީ، އެެ ކަމަށް ޓަކައި ހާއްސަކޮށްގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އޭސީސީ ގުޅިގެން ކުރިއަށްގެންދާ ތަހުގީގުތަކެއް ކަމަށެވެ. އެހެންކަމުން ފުރިހަމަ ތާރީހުތަކެއް ދެވޭނީ އެފަރާތްތަކުގެ މަސައްކަތްތަކަށް ބެލުމަށްފަހުގައި ކަމަށްވެސް ހަނދުމަކޮށްދެއްވައެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ލަސްވަނީ އެކަށީގެންވާ މުވައްޒަފުން ނެތުމުން ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލުތައްވެސް ދެއްވިއެވެ.
އެންމެފަހުން ކޮމިޝަންގެ މެންބަރުންގެ ޕާފޯމަންސް ބަލައި ޕާފޯމަންސް ދަށް މެންބަރުން ކޮމިޝަނުން ވަކި ކުރުމަށް ކުރަން ޖެހޭ ކަންތައް ކުރިއަށްގެންދަން ނޮވެމްބަރުމަހުގެ ނުވަ ވަނަ ދުވަހު ކޮމިޓީން ފާސްކުރިއެވެ. ކޮމިޓީން އެގޮތަށް ފާސްކުރީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމްގެ ހުށަހެޅުއްވުމަކަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ތާއީދު ކުރައްވައިގެންނެވެ. އެގޮތަށް ފާސްކުރުމަށްފަހު އޭސީސީގެ ޕާފޯމެންސް އޮޑިޓެއް ހެދުމަށް ކޮމިޓީން އޮޑިޓް އޮފީހާވެސް ހަވާލު ކުރިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކި ކުރުމަށް، މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ބޭނުންވެއްޖެ ނަމަ އެކަން ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހޭނެ އެވެ. އަދި އެކަން މަޖިލިސް ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު ބަހުސް ކުރުމަކާ ނުލައި އެ މައްސަލަ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވަން ވާނެ ކަމަށެވެ. އެ މެންބަރުން ވަކި ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމާނީ އެ މައްސަލަ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އެކަމުގެ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވުމުން ގަވާއިދުގައިވާގޮތުގެމަތިން އެ ރިޕޯޓަށް ބަހުސް ކުރުމުގެ ފުރުސަތު މެންބަރުންނަށް ދިނުމަށްފަހު ނަގާ ވޯޓުންނެވެ.
ކޮމިޓީން ފާސްކުރި ގޮތަށް އޭސީސީގެ މެންބަރުން ވަކި ވަކިން ކޮމިޓީއަށް ހާޒިރުކޮށް ކުރި ސުވާލުތަކާއި، އޮޑިޓް އޮފިހުން ހެދި ޕާފޯމެންސް އޮޑިޓް ރިޕޯޓަށް ބެލުމަށްފަހު އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރަން ޖެހޭކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އެ ދުވަހުގެ ބައްދަލުވުުގައި ކޮމިޝަންގެ ހުރިހާ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ. އެމެންބަރުން އެގޮތަށް ވަކި ނުކުރުމަށް ވަކާލާތު ކުރައްވައި އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީއަށް ނިސްބަތް ނުވާ ހަމައެކަނި މެންބަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.
ކޮމިޓީން އެގޮތަށް ފާސްކުރިއިރު ފަސް މެންބަރުންގެ މައްޗަށް ހިމެނޭ އޭސީސީގައި ތިއްބެވީ ހަތަރު މެންބަރުންނެވެ. އެއީ ކޮމިޝަންގެ ވަކި ވަކި މެންބަރުން ކޮމިޓީއަށް ހާޒިރު ކޮށް ސުވާލު ކުރުމާއި، ޕާފޯމަންސް އޮޑިޓް ރިޕޯޓާ ހަމައިން އެ ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަހަރުގެ ފަހު ދައުރު ނިންމައި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީގައި އޮއްވައި އޭސީސީގެ މެންބަރުން ވަކި ކުރުުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހާއި ކޮމިޓީން ހާއްސަ ޖަލްސާތަކެއް ބާއްވައިގެންނެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ޗުއްޓީގައި އޮންނަ ދުވަސް ވަރު ދައުރުން ބޭރުން ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބޭއްވޭނީ، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮޔާއެކު މަޖިލީހުގެ ރައީސަށް ހުށަހެޅުމުންނެވެ. އެގޮތަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބާއްވަން ޖެހޭނެ ކަމަަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އޭސީސީގެ މެންބަރުން ވަކި ކުރުމަށް ހާއްސަ ޖަލްސާއެއް ބާއްވަން އެމްޑީޑީޕީގެ ޕީޖީ ގްރޫޕުގައި މަޝްވަރާ ކުރުމަށްފަހު ނިންމި އެވެ. އެ ނިންމުމާ އެއްގޮތަށް އެމްޑީޕީގެ 31 މެންބަރުން އެދިގެން އެކަމަށް ޓަކައި މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވީ 16 ޑިސެމްބަރުގައެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އޭސީސީ މެންބަރުން ވަކިކުރާ މައްސަލަ އިއުލާން ކުރެއްވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވިއެވެ. އެ މައްސަލަ ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޓީއަށް ލިޔުމުން ޖަވާބުދާރީ ވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަ އެދުވަހު ކޮމިޓީން ފާސްކޮށް މެންބަރުންނަށް އެކަން އެންގިއެވެ. ހަމަ އެދުވަހު އޭސީސީގެ މެންބަރުކަމުން އިބްރާހިމް ޝަކީލް އިސްތިއުފާ ދެއްވިއެވެ.
އެ ފަސް ދުވަހުގެ މުއްދަތަށްފަހު، 21 ސަފްހާއަށްވުރެން ދިހު ސިޓީތަކަކުން އެ މެންބަރުން ކޮމިޓީއަށް ޖަވާބުދާރީ ވުމާ ގުޅިގެން، އޭސީސީގައި އޭރު ތިއްބެވި ތިން މެންބަރުން ކަމަށްވާ އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެންބަރު އާއިޝަތު އަބުދުﷲ މެންބަރުކަމުން ވަކި ކުރަން ނިންމައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވަން 26 ޑިސެމްބަރުގައި ކޮމިޓީން ފާސްކުރިއެވެ. އެގޮތަށް ކޮމިޓީން ފާސްކުރީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހެޅުއްވައި، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ތާއީދު ކުރައްވައިގެންނެވެ.
އެ ހުށަހެޅުން ކޮމިޓީން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި އަށް މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ފަސް މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
އެ ބައްދަލުވުމުގައި އެ ލިޔުންތައް ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަމަށް ބުނެ އެކަމަށް އިތުރު ވަގުތު ދިނުމަށް، ކޮމިޓީގައި ތިއްބެވި ޖޭޕީގެ އިސްދޫ ދާއިރާގެ އަލީ ހަމީދާއި އެމްއެންޕީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަމުމަދު އުޝާމް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވިއެވެ. އަދި އެކަމަށްޓަކައި ތިން ދުވަހުގެ މުއްދަތެއް ދިނުމަށް އަލީ ހަމީދު ހުށަހެޅުއްވުމުން އުޝާމް ތާއީދުވެސް ކުރެއްވިއެވެ. ނަމަވެސް ފުރަތަމަ ހުށަހެޅުން ފާސް ވުމާ ގުޅިގެން މި ހުށަހެޅުމަކަށް ވޯޓަކަށް ނާހައެވެ.
މެންބަރުން ވަކިކުރަން ކޮމިޓީން ނިންމި ދުވަހާ ޖެހިގެންގައި ޑިސެމްބަރު 27 ވަނަ ދުވަހު ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އާއިޝަތު އަބުދުﷲ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވިއެވެ.
އޮޑިޓް އޮފީހުން ހެދި އޭސީސީގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުން ގިނަ މައްސަލަތަކެއް ފާހަވެ އެވެ.
ޖެނުއަރީ އެކެއް 2015 އިން ފެށިގެން 31 ޖުލައި 2020 ގެ ނިޔަލަށް ކޮމިޝަނުން ކުރި މަސައްކަތްތަކަށް އަމާޒު ކޮށްގެން އެކުލަވައިލި މި ރިޕޯޓިގައިވާގޮތުން އެމުއްދަތުގައި 7،113 މައްސަލަ ކޮޝަނުގައި ރަޖިސްޓްރީކޮށްފައިވާއިރު 31 ޖުލައި 2020 ގެ ނިޔަލަށް ނިންމާލެވިފައި ވަނީ 5،476 މައްސަލަ އެވެ. އެއީ %77 މައްސަލަ އެވެ.
61% ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވޭ
10% ނުބަލާ ދޫކޮށްލަން ނިންމި
5% އެހެން އިދާރާތަކަށް ފޮނުވަން ނިންމި
1% ދައުވާ ކުރަން ޕީޖީއަށް ފޮނުވި
މީގެ އިތުރުން މައްސަލައެއް ތަހުގީގުކުރުމަށް އެވްރެޖުކޮށް 11 މަސް ނަގާ ކަމަށާއި، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވެނީ %1 މައްސަލަ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ނިންމަން ދިގު މުއްދަތެއް ހޭދަވާކަން ފާހަގަކޮށް ގޮތުން އެކެއް ޖެނުއަރީ 2015 އިން 31 ޖުލައި 2020 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ މައްސަލަތަކުން އޮޑިޓް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ 76 ކޭހުގެ ތެރެއިން ތަހުގީގު މަރުހަލާއަށް ގޮސްފައިވާ 23 މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް އެވަރެޖް 321 ދުވަސް ހިނގާފައިވާއިރު، ތަހުގީގު ނުނިމި 2 އަހަރަށްވުރެ ދިގު މުއްދަތެއް ހިނގާފައިވާ 400 އަށްވުރެ ގިނަ ކޭސް ހުރިކަން ފާހަގަކޮށްފައިވެއެވެ.
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ރެކޯޑު ކުރަމުން ގެންދާ ކޭސް މެނޭޖްމަންޓް ސިސްޓަމް އަދާހަމަނުވުމާއި، ކޮމިޝަނުގައި ވަޒީފާ އަދާކުރާ އިންވެސްޓިގޭޓަރުންގެ ނިސްބަތުން ގިނަ މައްސަލަތަކެއް ތަހުގީގުކުރަން ޖެހިފައިވުމުން ތަހުގީގުތަކަށް އޭގެ ނުރަނގަޅު އަސަރު ކޮށްފައިވާ ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ. މިގޮތުން، 31 ޖުލައި 2020 ގެ ނިޔަލަށް ކޮމިޝަނުގައި 1،637 މައްސަލަ ބަލަމުންދާއިރު އިންވެސްޓިގޭޓަރުންނަށް ފޯރުކޮށްދޭންޖެހޭ ފެންވަރު ރަނގަޅު އެހީތެރިކަމާއި އިރުޝާދު ދެވެމުން ނުދާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެމުއްދަތުގައި ޖުމުލަ 1،634 އެންގުން ދައުލަތުގެ އިދާރާތަކަށް ފޮނުވާފައިވާއިރު، އެކަންކަމަށް އަމަލުކޮށް ތަންފީޒު ކުރެވެމުންދާ މިންވަރު ހަރުދަނާ ގޮތެއްގައި ބަލައި މޮނިޓަކުރެވެމުން ނުދާކަންވެސް ފާހަގަ ކޮށްފައިވެއެވެ.
އޮޑިޓުގައި ވާގޮތުން، 2019 އާއި 2020 ގައި އޭސީސީން ނިންމި މައްސަލަތަކުގެ އަދަދު ވަނީ ދަށް ވެފައެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ފުރިހަމަކޮށް ނިންމުމުގައި ހަރުދަނާ ނިޒާމެއްގެ ދަށުން ކޭސްތައް ބަލަހައްޓަމުން ނުގެންދިއުމެވެ. އެކަމުގެ ސަބަބުން 30 ސެޕްޓެންބަރު 2020ގެ ނިޔަލަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ ކޭސްތަކުގެ ތެރެއިން ވަޒަންކުރަން ފެށިފައި ނުވާ 329 ޝަކުވާ އޮތްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރަށް، ޝަކުވާ އެސެސްކުރުމުގެ މަސައްކަތް ކުރުމުގައި ތިން މުވައްޒަފުން ތިބުމުގެ ސަބަބުން ކޮންމެ މުވައްޒަފަކަށް އެވަރެޖްކޮށް 110 ކޭސް އިވެލުއޭޓް ކުރަން ޖެހިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އޮޑިޓުގައި ބުނެފައި ވަނީ، ކޮމިޝަންގައި މަސައްކަތް ކުރާ ކޮންމެ އިންވެސްޓިގޭޓަރަކަށް އެވަރެޖްކޮށް 29 ކޭސް ހަވާލުކޮށްފައިވާ ކަމަށެވެ. އިންވެސްޓިގޭޓަރަކަށް ނިސްބަތުން ގިނަ މައްސަލަތަކެއް ތަހުގީހުކުރަން ޖެހިފައި ވަނީ މުވައްޒަފުންގެ ދަތިކަމުގެ ސަބަބުންކަން ވެސް ރިޕޯޓުގައި ވެއެވެ.
އޭސީސީން ޕީޖީއަށް ފޮނުވާ މައްސަލަތަކުގައި ގޮތެއް ނިންމަން ލަސްވުމާއި ތަހުގީގުތައް ކޮށްފައި ހުންނަ ގޮތުން އަނބުރާ ފޮނުވާލަން ޖެހޭ ކޭސްތައް ގިނަކަން ފާހަގަކޮށް އެ ކަންބޮޑުވުންވެސް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވެއެވެ. އެކަމުގެ ތަފްސީލްތައްވެސް ރިޕޯޓުގައި ވެއެވެ.
އޮޑިޓާޖެނެރަލްގެ އޮފީހުން ހެދި އޭސީސީގެ ޕާފޯމަންސް ރިޕޯޓަށް އޭސީސީންވެސް ވަރުގަދަ ރައްދެއް ދިނެވެ.
އޭސީސީން ބުނީ، އޮޑިޓު އެ ރިޕޯޓުގައި އޮޑިޓުގެ ސްކޯޕު، އޭސީސީއާ ހިއްސާކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނި ނަމަވެސް އޮޑިޓު ފެށުމަށް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގައި އޮޑިޓުގެ ސްކޯޕަކީ 2015 އިން ފެށިގެން 2019 ގެ ނިޔަލަށް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އޮޑިޓުގެ ސްކޯޕް ބަދަލުކޮށް، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކޯޕު ފުޅާކޮށްފައިވަނީ އޭސީސީއާ މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފަށް ކަމަށްވެސް ބުންޏެވެ.
އޮޑިޓްގައި ބެލި ހަތަރު އަހަރާއި އަށް މަސް ދުވަހަކީ އޭސީސީގައި އޭރުތިބި މެމްބަރުން މަގާމުގައި ތިބި މުއްދަތެއް ނޫން ކަމަށާއި، 31 ޖުލައި 2020 އާ ހަމައަށް މިދައުރުގެ މެމްބަރުކަމުގެ މުއްދަތުން ހިނގާފައި ވަނީ 10 މަސް ދުވަސްކަން ވެސް އޭސީސީން ފާހަގަކުރިއެވެ.
އޭސީސީން ބުނީ ޖިނާއީ ތަހުގީގުގެ ވައްޓަފާޅި އާއި މިންގަނޑުތަކާއި ކަން ހިނގާ ގޮތާ މެދު އޭޖީ އޮފީސް ރަނގަޅަށް ހޭލުންތެރި ނޫން ކަމަށެވެ. އަދި އޭސީސީން މައްސަލައެއް ތަހުގީގުކުރުމަށް 11 މަސް ނަގާ ކަމަށާއި ބަލައި ނިންމާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވެނީ އެއް ޕަސަންޓް މައްސަލަކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެއީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވުމުން ދިމާވާ ކަމެއް ކަމަށް ދޭހަވާގޮތަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އޭސީސީން ބުނީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތައް ވަޒަންކުރުމަށް ފަހު ތަހުގީގުކުރަން ނިންމާ މައްސަލަތަކުގެ ތަހުގީގު ނިންމާއިރު ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް ނިންމާފައިވުމަކީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވެގެން ހިނގާ ކަމެއް ނޫން ކަމަށެވެ.
"ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާގައި ޝަކުވާ ވަޒަންކުރާއިރު ބަލާނީ ހުށަހަޅާ ޝަކުވާއަކީ ކޮމިޝަނުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ޝަކުވާއެއްތޯ އާއި ތުހުމަތަށް ބާރުލިބޭ ޝަކުވާއެއްތޯ އާއި ޝަކުވާއާ ގުޅޭގޮތުން އިތުރަށް ތަހުގީގުކުރަންޖެހޭ ކަމެއް އޮތްތޯ. އަދި އެކަށީގެންވާ ތުހުމަތެއް އޮތްނަމަ އެފަދަ ކޮންމެ ޝަކުވާއެއް އިތުރަށް ތަހުގީގުކުރުމަށް ނިންމާ. ހެކި ހޯދުމާއި މީހުންނާ ސުވާލުކުރުން ފަދަ މަރުހަލާތައް ކުރިއަށްގެންދާނީ ތަހުގީގު މަރުހަލާގަ،" އޭސީސީން ބުންޏެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަކީ އެ ފަރާތްތަކުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލާގައި ހިމެނޭ ކުށް ހަގީގަތުގައި ވެސް ހިނގާފައިވޭތޯ އާއި އެކަމުގެ ޒިންމާވާން ޖެހޭ ފަރާތްތަކަކީ ކޮބައިތޯ ދެނެގަނެ، ކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރާ ފަރާތްތަކަކީ އެ މައްސަލައާ މެދު ދުރާލާ ވަކި އަތަކަށް ޖެހި، މައްސަލައިގައި ނުކުންނާނީ ވަކި ނަތީޖާއެއް ކަމަށް ނިންމައިގެން މަސައްކަތް ކުރެވޭނެ މީހުން ނޫން ކަމަށްވެސް އޭސީސީން ބުންޏެވެ.
"ވީމާ ވަޒަންކުރެވޭ ޝަކުވާތަކުގެ ތެރެއިން އިތުރަށް ތަހުގީގުކުރަން ނިންމާފައިވާ މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަމަށް ޖިނާއީ މިންގަނޑަކުން ސާބިތުކުރެވޭ މިންވަރަށް ހެކި ނެތް ނަމަ އެ މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމާ ނިންމުމުގެ މައްޗަށް ބިނާކޮށް، އެ މައްސަލައެއްގައި ކޮމިޝަނުން ކޮށްފައިވާ މަސައްކަތަކީ ބޭކާރު މަސައްކަތެއްކަން ދޭހަވާ ގޮތަށް ބުނެދިނުމަކީ ޖިނާއީ ތަހުގީގުގެ ވައްޓަފާޅި އާއި ތަހުގީގުގެ މިންގަނޑުތަކާއި ކަން ހިނގާ ގޮތާ މެދު ރަނގަޅަށް ހޭލުންތެރި ނުވެ ބުނެފައިވާ ބުނުމެއް،" އޭސީސީން ބުންޏެވެ.
ތަހުގީގުކުރާ އިދާރާއެއްގެ ޕާފޯމަންސް ވަޒަންކުރާ ހަމައެކަނި މިންގަނޑު ބިނާވަނީ ތަހުގީގުކުރާ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާ މައްޗަށް ކަމަށް ދެކުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް އޭސީސީން ބުންޏެވެ.
ވަކި ފަރާތަކަށް ބުރަ ނުވެ މަސްއޫލިއްޔަތު އަދާކުރުމުގެ ނަތީޖާއަކަށް ވީ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުން ކަމަށާއި، މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތުން ވަކި ފަރާތަކަށް ބުރަ ނުވެ މަސްއޫލިއްޔަތު އަދާކުރިކަން އެނގޭނެ ކަމަށްވެސް ބުނެފައިވެއެވެ އަދި ކޮމިޝަނަށް ސިޔާސީ ނުފޫޒު ނުފޯރުވޭނެ ކަން ސާބިތުކޮށްދީފައި ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ކޮމިޝަނަށް ފާޑު ކިޔުން އަމާޒުވަނީ ސިޔާސީ ވިސްނުމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި ތަހުގީގުތައް ކުރިއަށްގެންގޮސް ނިންމުންތައް ނިންމާތީ ކަމަށް އޭސީސީން ބުންޏެވެ. ފާޑުކިޔާ ފަރާތްތަކަކީ އޭސީސީން ތަހުގީގުކުރާ މައްސަލަތަކާ ގުޅުން ހުރި ފަރާތްތައް ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި އެފަދަ މީހުންގެ ބޭނުމަކީ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކޮށް ކޮމިޝަންގެ މަސައްކަތް ފެއިލްކޮށްލުމަށް ކަމަށްވެސް ބުނެފައިވެއެވެ.
އޭސީސީގެ މެންބަރުންނާމެދު ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރިގޮތުން ގިނަ ބައެއްގެ ފާޑުކިއުންތައް މަޖިލީހަށް ދަނީ އަމާޒު ވަމުންނެވެ. ބައެއް ފަރާތްތަކުން ބުނަނީ އެއީ މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވައި ބިރުދެއްކުމަށް މަޖިލީހުން ހިންގި އަމަލެއް ކަމަށެވެ. މީގެ އިތުރުން އެއީ ބޮޑު ހިޔާނާތުގެ މައްސަލަ ބެލިޔަ ނުދިނުމަށް ކުރި ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ކޮންމެއަކަސް އޭސީސީގެ މަސައްކަތް ކުރިއަށްދާލެއް ލަސް ކަމަށްބުނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ކޮމިޝަންގެ މަސައްކަތް އަވަސް ކުރުމުގެ ނިޔަތުގައި، މިވަނީ މުޅި ކޮމިޝަން ހުއްޓުމަކަށް ގެނެސްފައެވެ. ދެން ކޮމިޝަންގެ މަސައްކަތްތައް ހިނގާނީ ކޮމިޝަން ކުރިމަތިލާ ފަރާތްތަކަށް މަޖިލީހުން ރުހުން ދިނުމުގެ ޕްރޮސެސް ފުރިހަމަ ކުރުމަށްފަހުގަ އެވެ.
މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. ޗުއްޓީއަށް ފަހު މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ އަހަރު ފެބްރުއަރީމަހު އެއަހަރަށް މަޖިލިސް ހުޅުވުމަށްފަހުއެވެ.
އެނޫން ގޮތަކަށް މަޖިލީހުގެ ޖަލްސާތައް ބޭއްވޭނީ އޭސީސީ މެންބަރުން ވަކިކުރަން ބޭއްވި ގޮތަށް 31 މެންބަރުން އެދިގެން ދައުރުން ބޭރުންނެވެ. ނަމަވެސް އެގޮތަށްވެސް ޖަލްސާތައް ބޭއްވޭނީ އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވުމުންވެ.
ޚަބަރު
ޚަބަރު
ޚަބަރު