ރިޕޯޓް

2021 ރިވައިންޑް: މިނިމަމް ވޭޖް، އުންމީދީ ބަދަލެއްގެ ފެށުން

އައިޝަތު ނިއުޝާ

ނިމިދިޔަ މަޖިލިސް އިންތިހާބަށް އެމްޑީޕީން ދިވެހި ރައްޔިތުންނަށް ހުށަހަޅައިދިން އެޖެންޑާ 19 ވެގެންދިޔައީ ވަރަށް ގިނަ ގޮތްގޮތުން ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ހުށަހެޅުމަކަށެވެ. ހާއްސަކޮށް ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވަޅުޖައްސާލާފައި އޮތް މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ވެގެންދިޔައީ ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން އިންތިހާ ދަރަޖައަށް ބޭނުންވެފައި ތިބި ދިވެހި އެތައް ހާސް މަސައްކަތްތެރިންގެ އުންމީދުތައް އާކޮށްދިން ހުށަހެޅުމަކަށެވެ. އަދަދުތަކާއި ދާއިރާތަކާއެކު އޮތް އެޖެންޑާ 19 ވެގެންދިޔައީ އެ މަސައްކަތްތެރިންނާއި, އެ މީހުންނާ ގުޅިފައިވާ އާއިލާތަކަށް އާދައިގެ ކަމަކަށްވުރެން ބޮޑު ކަމަކަށެވެ. ނަތީޖާއަކަށްވީ ދިވެހި ރައްޔިތުން ނިކުމެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނުމެވެ.

"ވަޒީފާގެ ބާޒާރަށް ވީހާވެސް ގިނަ ދިވެހިން ނެރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަ މުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައެޅުމެވެ." މިހެން ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ 2020ވަނަ އަހަރު މަސައްކަތްތެރިންގެ ދުވަހުގެ ހިތާބުގައި ސަރުކާރުން އެންމެ ކުޑަ މުސާރަ ކަނޑައަޅުއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މިނިމަމް ވޭޖުގެ މަސައްކަތް އާ މަޖިލީހުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވުމާއެކު, ސޯޝަލް މީޑިއާގައި އޮތް، އެޖެންޑާ 19 ގައި އޮތް މިނިމަމް ވޭޖަކީ އިލްމީ ގާބިލު މީހުންނާއި ފަރުދީ މީހުން ބައިވެރިވާ ގައުމީ މައުލޫއަކަށް ބަދަލުވިއެވެ. އަދި މިގޮތަށް ސިޔާސީ މީހުން ފާޑުކިޔައި ފަންނީ މީހުންގެ ބަހުސް ކުރިއަށްދަނިކޮށް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހެއް ގެނެސް 2021 ވަނަ އަހަރުގެ ޑިސެމްބަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައެޅުމަށް ފާސްކުރިއެވެ.

22 ސެޕްޓެމްބަރު 2020ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، ބިލުގައިވާގޮތަށް މިނިމަމް ވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކޮށް, މިނިސްޓަރަށް ލަފާއެރުވުމަށް މިނިމަމް އެޑްވައިޒަރީ ބޯޑެއް އުފެއްދިއެވެ. އަދި މި ބޯޑުން އެތައް ފަންނީ ދިރާސާއެއް ކުރުމަށްފަހު, މަސައްކަތް އޮތް ހިސާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރައްޔިތުންނަށް ހިއްސާކުރަމުން ދިޔަ ނަމަވެސް, މިނިމަމް ވޭޖަށް އެދި ތިބި ރައްޔިތުންނާއި, އެކަމުގައި ޝާމިލުވާ ވިޔަފާރިވެރިންގެ ފަރާތުން ސަރުކާރަށް ދިޔައީ ގިނަ ޕްރެޝަރުތައް ކުރިމަތިވަމުންނެވެ. އެއާއެކު މިނިމަމް ވޭޖްއާއި މެދު ގޮތެއް ނިންމުމަށް އެތައް ފަހަރަކު ލަސްކުރެވިގެން ދިޔައެވެ.

އަށެއް ނޮވެމްބަރު 2021ގައި ހޮޓެލް ޖެންގައި ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިނިމަމް ވޭޖް ގަރާރުގައި ސޮއިކުރައްވައި، ރަސްމީކޮށް މިނިމަމް ވޭޖް އިއުލާން ކުރައްވައިފައެވެ. އެގޮތުން ހަތަރު ކެޓަގަރީއަކަށް މިނިމަމްވޭޖް ބަހާލާފައިވާއިރު، މިނިމަމް ވޭޖް ބަލައިފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބޭ ފިކްސްޑް އެލަވަންސް އަކަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސާއި، ރޯދަ އިނާޔަތާއި، އަދި ސާވިސްޗާޖު ފަދަ އިނާޔަތްތައް ނުހިމެނޭ ގޮތަށެވެ. އެގޮތުން ހަތަރު ދާއިރާއަކުން ކަނޑައަޅައިފައިވާއިރު، އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ މިނިމަން ވޭޖު ކަނޑައެޅުމުން ސަރުކާރު މުވައްޒަފުންގެ ތެރެއިން 15،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންގެ ތެރެއިން 13،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

31 އޮކްޓޯބަރު 2021ގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި ފެށޭ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެގޮތުން 36.9 ބިލިއަން ރުފިޔާގެ މި ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ، މިނިމަމް ވޭޖާއި މުސާރައިގެ ހަމަހަމަކަން ގެނައުމަށް ދައުލަތުގެ ބަޖެޓަށް އިތުރު 500 މިލިއަން ރުފިޔާ ކަނޑައަޅަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބަޖެޓުގައިވާ ގޮތުން މުވައްޒަފުންގެ މުސާރައިގެ މިންގަނޑު އެއް ހަމަކޮށް މިނިމަމް ވޭޖް ތަންފީޒުކުރުމުގެ މަސައްކަތް ކުރަނީ، ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެންނެވެ. އަންނަ އަހަރަށް 500 މިލިއަން ރުފިޔާ ކަނޑައެޅި އިރު 2023 ވަނަ އަހަރު މިކަމަށް 750 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި 2024 ވަނަ އަހަރަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅަން ވަނީ ޕްލޭންކޮށްފައެވެ.

އޭގެ ފަހުން ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހީންނަށް އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖު އަދަދުތައް މިނިމަމް ވޭޖް ބޯޑުން ނިންމައި، އެ ބޯޑުގެ ފަރާތުން އިކޮނޮކިމް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ފޮނުވި ލަފާގައިވަނީ ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓަރުގެ މިނިމަމް ވޭޖް މައިގަނޑު ހަތަރު ދާއިރާއަކުން ކަނޑައަޅައިފައެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.

ބޮޑެތި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭން މިނިމަމް ވޭޖު ބޯޑުން ލަފާދިން މިންވަރު ކުޑަކުރުމަށްފަހު، ރާއްޖޭގެ ފުރަތަމަ މިނިމަމް ވޭޖު ކަނޑައަޅައި އިއުލާނު ކޮށްފައިވަނީ އަށެއް ނޮވެމްބަރު 2021 ގައެވެ. އެގޮތުން ޕްރައިވެޓް ސެކްޓާގެ ބޮޑެތި ވިޔަފާރިތަކަށް ދޭން ވޭޖް ބޯޑުން ލަފާ އަރުވާފައި ވަނީ، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 8,900 ރުފިޔާއެވެ. ނަމަވެސް މިނިސްޓަރު އިއުލާން ކުރެއްވި ވޭޖުގައި އެ އަދަދު ދަށްކޮށް، އިއުލާންކުރީ ގަޑިއިރަކަށް 38.46 ރުފިޔާގެ މަގުން މަހަކަށް 8،000 ރުފިޔާއެވެ. އެއީ 900 ރުފިޔާގެ ދަށްވުމެކެވެ. އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ލަފާދިން އަދަދުވެސް ދަށްކޮށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 5,000 ރުފިޔާ ދިނުމަށް ލަފާ ދިން ނަމަވެސް ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ.

ދިވެހީންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދުތައް ނިންމައި، އިއުލާނު ކުރި ނަމެވެސް، ބިދޭސީންނަށް އެންމެ ދަށް އުޖޫރަ އަދި ކަނޑައަޅައިފައެއް އަދި ނުވެއެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައި ނުވާތީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން ހަތަރު ޖަމިއްޔާއަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޓްރޭންސްޕޭރެންސީ މޯލްޑިވްސް އާއި މިޝަން ފޯ މައިގްރަންޓްސް ވޯކާސް މޯލްޑިވްސް އާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އަދި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.

މި ޖަމިއްޔާތަކުން ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ގޮވާލައި ނޫސް ބަޔާން ނެރެފައިވާއިރު، ބިދޭސީ މަސައްކަތްތެރީންނަށް އެންމެ ކުޑަ އުޖޫރަ ދީފިނަމަ ރާއްޖޭގެ އިގުތިސޯދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެ ފެންވަރު ރާއްޖޭގެ އިގުތިސޯދުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.