އަދާލަތު ޕާޓީން އަނެއްކާވެސް 10،000 މެންބަރުން ހަމަކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ފުއާދު ރޭ ވިދާޅުވީ ބައެއް ސިޔާސީ ޕާޓިތަކުން 10،000 މެންބަރުން ހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީއާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ އަކީ 10،000 އަށްވުރެ ގިނަ މެމްބަރުން ކޮންމެ އަހަރަކުވެސް ތިބޭ ޕާޓީތައް ކަމަށެވެ. އަދި އަދާލަތު ޕާޓީން 10،000 މެމްބަރުން އަލުން ހަމަކޮށްފައިވާ ކަމަށެވެ.

"މީގެ ކުރިން 10،000 މެންބަރުން ހަމަކުރި. އެކަމަކު މިދޭތެރެއިން ވަރަށް ބޮޑަށް ދަށްވެފަ އޮތީ. 10،000 އަށްވުރެވެސް ދަށްވެފަ އޮތީ. އެކަމަކު މިހާރު އަލުން އަނެއްކާވެސް އެ އަދަދު ހަމަކޮށްފި. މިހާރު 10،000 އަށްވުރެ އިތުރަށް އަދާލަތު ޕާޓީގައި މެންބަރުން ތިބޭނެ." އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ޖުމުލަ 11 ސިޔާސީ ޕާޓީއެއް ވަނީ ރެޖިސްޓްރީ ކޮށްފަ އެވެ. ފުއާދު ވިދާޅުވީ 10،000 މެންބަރުން ހަމަވެފައިވަނީ ޖުމުލަ ހަތަރު ޕާޓީ އެއްގައި ކަމަށެވެ. އަދި 10،000 މެންބަރުން ހަމަކުރުމާ ކައިރީގައި އިތުރު ދެ ޕާޓީއެއް އުޅޭ ކަމަށްވެސް ވިދާޅުވި އެވެ. އޭގެތެރޭގައި އެންމެ ފަހުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވުމުންނެވެ. ފުއާދު ވިދާޅުވީ ޕާޓީތަކަށް 10،000 މެންބަރުން ހަމަވިތޯ ބަލާނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރާ ދުވަހާ ހަމަޔަށް ކަމަަށެވެ.

ފުއާދު ވިދާޅުވީ މީގެ ކުރިން 10،000 އަށްވުރެ ގިނަ މެންބަރުން ތިބި ޕާޓީތަކުންވެސް މެންބަރުން ވަކިވެ އަދި އެކި އެކި ސަބަބަުތަކާ ގުޅިގެން އެ ޕާޓީތަކުގެ މެންބަރުންގެ އަދަދު 10،000 އަށްވުރެ ދަށްވެފައިވާ ކަމަށެވެ. އެގޮތުން އެމްޑީއޭގައި މީގެ ކުރިން 10،000 މެންބަރުން ހަމަވި ނަމަވެސް މިހާރު އެ އަދަދު އެއަށްވުރެ ދަށަށް ވެއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ޕާޓީތަކުގެ މެންބަރުންގެ އަދަދު 3000 އަށްވުރެ ދަށްވެފައިވާ ކަމަށާއި، ބަޖެޓު ފާސްކުރުމުގެ ކުރިން އެ ޕާޓިތަކަށް 3000 މެންބަރުން ހަމަކުރުމަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެ މުއްދަތުގެ ތެރޭގައި 3000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.