ކުޅިވަރު

ޗެލްސީން ފުރުސަތު ނަގާލައިފި، ސިޓީއަށް ބޮޑު ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގަން ޗެލްސީއަށް ލިބުނު ފުރުސަތު އެޓީމުން ނަގާލި އިރު، ބްރެންޓްފޯޑު ބަލިކޮށް މެންޗެސްޓާ ސިޓީގެ ލީޑު ފުޅާކޮށްފިއެވެ.

ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބްރައިޓަން ކައިރީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބްރައިޓަންއިން އެއްވަރުކުރި ގޯލު ޖެހީ ފަހު މިނެޓުގައެވެ. މި ހަފްތާ ލިވަޕޫލުން ކުޅުނު މެޗުގައި ލެސްޓާ ސިޓީ އަތުން 1-0 އިން ބަލިވެފައި އޮތުމުން ރޭގެ މެޗުން މޮޅުވެ، ޗެލްސީއަށް ދެވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނެގެން އޮތެވެ. އެހެން ނަމަވެސް މިހާރު މެޗެއް އިތުރަށް ކުޅެ، ޗެލްސީ އޮތީ ލިވަޕޫލަށްވުރެ ޕޮއިންޓެއް ކުރީގައެވެ.

މެންޗެސްޓާ ސިޓީން މިހާތަނަށް 20 މެޗު ކުޅެ 50 ޕޮއިންޓް ހަމަކޮށްފައިވާ އިރު، 20 މެޗުން ޗެލްސީއަށް ލިބެނީ 42 ޕޮއިންޓެވެ. 19 މެޗުން 41 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ލިވަޕޫލެވެ.

ޗެލްސީން ރޭ ކުޅުނު މެޗުގައި އެޓީމުން ރަނގަޅަށް ފަށައި، ހާފު ނިމުމުގެ ކުރިން ލީޑުވެސް ނެގިއެވެ. ޗެލްސީގެ ގޯލު ކޯނަރަކުން ކާމިޔާބު ކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. އެ ގޯލަށްފަހު ޗެލްސީން ދެވަނަ ގޯލަކަށް ކުރިއަށް ޖެހި މަސައްކަތް ކުރަމުން ދަނިކޮށް އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ރީސް ޖޭމްސްއަށް އަނިޔާވެ ބާލަން ޖެހުނެވެ. ބަދަލުގައި ކުޅެން ނުކުތީ މާކަސް އެލޯންސޯއެވެ.

އެހިސާބުން ޗެލްސީ އަތުން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ގެއްލި ބްރައިޓަންއިން ނުރައްކާ ކުރިއެވެ. އެޑަމް ލަލާނާގެ ހަމަލާއެއްގެ އިތުރުން ނީލް މޯޕޭގެ ހަމަލާވެސް ޗެލްސީ ގޯލްކީޕަރު އެޑުއާޑް މެންޑީ މަތަކުރި އިރު، ބްރައިޓަންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ޑެނީ ވެލްބެކެވެ.

ސިޓީން ރޭ ކުޅުނު މެޗުގައި އެޓީމުގެ ހަމަލާތައް ގިނަކޮށް ފެނުނު އިރު، މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ފިލް ފޮޑެންއެވެ.