ނިމިގެން މިދިޔަ އަހަރަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ "ކުޅިބައި" ތަފާތު ގޮތަކަށް ބަދަލުކޮށްލި އަހަރެކެވެ. ހީނުކުރާ އެތައް ކަމެއް، އެތަން މަންޒަރެއް ފެނިގެންދިޔަ އަހަރެކެވެ. ހާއްސަކޮށް، އެންމެ މެމްބަރުން ގިނަ އެއް ޕާޓީ، އެމްޑީޕީގެ "ކުޅިބައި" މުޅީންހެން ބަދަލުކޮށްލި އަހަރެކެވެ. ސަބަބުތައްވެސް ވަރަށް ސާފެވެ. ޕާޓީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދުގައި އުފެދުނު ހިޔާލު ތަފާތުވުމަކީ އެކަމުގެ ހަގީގަތެވެ. ދެ ބޭފުޅުން ރަސްމީކޮށް، "ހަނގުރާމަ" އިއުލާން ކުރުން ވެގެންދިޔައީ ސިޔާސީ މައިދާން ހަލަބޮލި ކޮށްލި ކަމަކަމަށެވެ.

ދެ ރައީސުންގެ މެދުގައި އެންމެ ފުރަތަމަ ހިޔާލު ތަފާތުވުމެއް އުފެދިގެން އައީ ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބި، މަޖިލިސް ރައީސަކު ހޮވަން ޖެހުނު ހިސާބުންނެވެ. މަޖިލިސް ރައީސް ކަން ދޭން ރައީސް ނަޝީދު ބޭނުންފުޅުވި ނަމާއި ރައީސް ސޯލިހު ބޭނުންފުޅުވި ނަން ދިމާ ނުވީއެވެ. އެކަމަށް ހައްލެއް ނުފެނުމުން އެންމެ ފަހުން ދެބޭފުޅުން ނެރުއްވި ނަންވެސް ކެންސަލް ކުރައްވައި ސީދާ ރައީސް ނަޝީދުގެ ނަން ކުރިއަށް ނެރުއްވައި މައްސަލަ އެހާ ހިސާބުން "ހިހޫ" ކޮށްލީއެވެ. އެންމެ ފަހު ވަގުތު ރައީސް ނަޝީދަށް އައި "އެންމެ ގާތް އެކުވެރިޔާ" ގެ ފޯނު ކޯލަކުން އަމިއްލަފުޅަށް މަޖިލިސް ރައީސް ކަމާ ހަވާލުވަޑައިގެންނެވީއެވެ.

އެ ކަން އެހާ ހިސާބުން ނިމިގެނެއް ނުދިޔައެވެ. އޭގެ ފަހުން އަނެއްކާވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ފެށި ހިސާބު ވެގެންދިޔައީ ދެ ރައީސުންގެ މެދުގައި ކުރިން ޖެހުނު ހުޅުގަނޑު އިތުރަށް ރޯވި ކަމަށެވެ.

ނަމަވެސް އެ މައްސަލަ ނިމިގެން ދިޔައީ ރައީސް ނަޝީދަށް "ކޮޅެއްގައި" ނުޖެއްސެވިއެވެ. ސަބަބަކަށް ވެގެންދިޔައީ ރައީސްގެ ބާރު ގަދަވުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ރައީސް ނަޝީދަށް އެފަހަރު ލިބިވަޑައިގެންނެވީ 24 މެންބަރުންގެ ސޮއެވެ. ބައެއް މެންބަރުން ވަނީ ފަހުން ސޮއި އަނބުރާ ނަންގަވައިފައެވެ.

ފައްޔާޒަކީ ރައީސް ސޯލިހުގެ މިހާރުގެ "ކަނާ އަތް" ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެހެންވެ އެ މައްސަލަ މަޖިލީހަށް ވައްދަން ރައީސް ސޯލިހުގެ ތާއީދެއް ނުލިބުނެވެ. ފައްޔާޒްގެ "ނޯ ކޮންފިޑެންސް" ނެގިޔަ ނުދޭން، ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް ސޯލިހު ފާޅުގައި ވިދާޅުވިއެވެ. ކަންތައް ވެގެންވެސް ދިޔައީ ރައީސް ސޯލިހް ވިދާޅުވިގޮތަށެވެ.

އޭގެ ފަހުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގްރޫޕްގައި ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގާތް ބޭފުޅުންނާ ދެމެދު ދޭތެރެ ދޭތެރެއިން "ކޯޅުން" އޮވެއެވެ. އެއީ އަދި ފެށުމެވެ.

ނަމަވެސް މުޅި މަޝްރަހު ބަދަލުވާންފެށި ހިސާބަކީ ބަރުލަމާނީ ނިޒާމުގެ ބަހުސެވެ. ރައީސް ނަޝީދު، ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންނެވީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރުމުގެ މަސައްކަތްތައް ކުރެއްވުމަށެވެ. ބޮޑުވަޒީރުކަމަށްވެސް ޝައުގުވެރިކަން ފާޅު ކުރެއްވިއެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ މިވަގުތުގެ ހުރިހާވެސް ވިސްނުންފުޅަކީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުން ކަމަށް ވިދާޅު އެވާހަކަ އޮއްބައިލައްވައިފައެވެ.

އެއާއެކު ނަޝީދާއި ރައީސް ސޯލިހްގެ ދެމެދުގައިވާ ހުޅުގަނޑު ރަނގަޅަށްވެސް ފަޅައިގެން ގޮސް ފެތުރިގަތެވެ. އެންމެ ފަހުން ނަޝީދު ނިންމެވީ ދުވަހަކު ވެރިކަން ނުލިބުނު ނަމަވެސް މި ސަރުކާރާއެކު ސިޔާސީ މަސައްކަތް ނުކުރުމަށެވެ. އިދިކޮޅު ޕީޕީއެމާ އެކުވެސް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ފާޅުގައި ހާމަ ކުރެއްވިއެވެ.

"އަޅުގަނޑުގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ. އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް،"

"އެމްޑީޕީ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއް ނެތް. ރައީސް ޔާމީނާއި ޕީޕީއެމުން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން،" ޖުލައި 12 ވަނަ ދުވަހު ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އެމްޑީޕީގެ ތެރޭގައި ވެސް ވަރުގަދަ ރެނދެއް ލީއެވެ. ދެ ބޭފުޅުންވެސް ވަނީ ހިޔާލުތަފާތުވުންތައް ހުރި ކަމަށް ފާޅުގައި ވިދާޅުވެފައެވެ. އެއާ އެކު އެމްޑީޕީ ދެ ފަޅިއަކަށް ބެހުނެވެ. ކުރީއްސުރެ އުފެދެމުން އައި ނުތަނަވަސްކަމުން އުފެދުނީ ވަރުގަދަ ދެ ފެކްޝަނެކެވެ. އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަންވެސް އެއާ އެކު ބޮޑުވެގެންދިޔައެވެ.

އޭގެ ފަހުން ނަޝީދު އަމާޒު ހިއްޕެވީ އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯއްދެވުމަށެވެ. ނަޝީދު ވަނީ އެކަން ފާޅުގައި އެތައް ފަހަރަކު ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ނުކުންނަވާނީ އެމަނިކުފާނު ކަމަށް ވަރަށް ޔަގީންކަމާ އެކު ގެންދަވަނީ ވިދާޅުވަމުންނެވެ.

"އަޅުގަނޑު ޕްރައިމަރީއަކުން ބައްޔެއް ނުވާނެ. އެހެންވީމާ ދެން އޭގެ ފަހުން އަންނަ ސުވާލުތަކަކީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލުތަކެއް ނޫން، އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައްޔެއް ނުވާނެ އަޅުގަނޑަކީ ގަދަވުމަށް އިންތިހާބު ތަކުގައި ވާދަކުރާ މީހެއް،" ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމުގެ އިޝަރާތެއް ދެއްވައިފައެވެ. އެގޮތުން ކޮންމެ ބޭފުޅަކަށް ވެސް ދެ ޓާމަށް ކުރިމަތިލުމުގެ ފުރުސަތު އޮތުމުން އެއީ އެމަނިކުފާނަށްވެސް ބަންދު ވެފައިވާ ފުރުސަތެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަކީ ދެ ބޭފުޅުންގެވެސް އަމާޒެވެ. އެކަމަށް ޓަކައި އެމްޑީޕީގެ ކޮންޓްރޯލް އޮތުން ވަރަށް މުހިންމުވިއެވެ.

އެ ނުތަނަސްކަމުގެ ތެރޭގައި ޕާޓީ އޮއްވައި ދެން އައީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބެވެ. އެންމެންވެސް ހީކުރި ގޮތަށް އެ އިންތިހާބު ވެގެންދިޔައީ ދެ ރައީސުންގެ "ބާރު" ދައްކާލުމުގެ އިންތިހާބަކަށެވެ. ކަންތައް ވެގެންދިޔައީވެސް އެހެނެވެ. އެމްޑީޕީގެ ހަޔާތުގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބަކީވެސް އެއީއެވެ.

އެ އިންތިހާބުގައި 733 ކެންޑިޑޭޓުން ވާދަކުރިއެވެ. ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރިއެވެ. ދެ ބޭފުޅުންވެސް ވަނީ އެ އިންތިހާބަށް ކެންޑިޑޭޓުން ނެރުއްވައިފައެވެ. އެހެންވެ ކަންތައްވެސް ވީ ހަމަ އެންމެންވެސް ހީކުރި ގޮތަށް އެންމެ ވާދަވެރި އިންތިހާބަށެވެ.

ދެ ބޭފުޅުން ފާޅުގައި ކެންޑިޑޭޓުންނަށް ކެމްޕޭން ނުކުރެއްވި ނަމަވެސް ދެ ފެކްޝަންގެ ބޭފުޅުން ދިޔައީ ކެނޑިނޭޅި ވަރަށްވެސް ވަރުގަދައަށް ކެމްޕެއިން ކުރަމުންނެވެ. ކެމްޕޭނާ ގުޅިގެން ނަޝީދު ހަމައެކަނި ވިދާޅުވި ވާހަކައަކީ އެމަނިކުފާނުގެ ތާއީދު އޮތީ ހަމައެކަނި ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ.

އެމްޑީޕީ އުފެދުނީއްސުރެ ވޭތުވެދިޔަ ގިނަ އަހަރު ތަކުގައި އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮތީ ނަޝީދުގެ އަތްޕުޅުގައެވެ. އެޕާޓީގެ އެހެން މެންބަރަކަށް އެވަރުގެ ތާއީދެއް އޮތް ތަނެއް މީގެ ކުރިން ފެނިފައެއްނުވެ އެވެ. ނަމަވެސް އިންތިހާބުން ފެނުނު މަންޒަރު މުޅީންހެން ތަފާތެވެ. ފެނިގެންދިޔައީ އެމްޑީޕީގެ "ބައްޕަ"ގެ ގޮތުގައި ގިނަބަޔަކު ދެކޭ ނަޝީދުގެ ކޮންޓްރޯލް ޕާޓީން ގެއްލިފައިވާ މަންޒަރެވެ.

ފޯރިގަދަ އިންތިހާބު އެންމެ ފަހުން ނިމިގެން ދިޔައީ ރައީސް ސޯލިހަށް ކާމިޔާބު ލިބިގެންނެވެ. އެގޮތުން އިންތިހާބުގައި ދާއިރާތަކުގެ ރައީސުންގެ 97 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ. އޭގެ އިތުރުން އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ވަޒީރުންވެސް ވަނީ ދާއިރާ ކާމިޔާބުކުރައްވައިފައެވެ. އަދި އިންތިހާބުގައި ވާދަކުރެއްވި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ ވާދަކުރެއްވި ދާއިރާތަކަށް އިންތިހާބުވެފައެވެ.

އެ އިންތިހާބުގައި ރައީސަށް ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމުން، ރައީސް ނަޝީދުގެ ކޮންޓްރޯލް ގައުމީ މަޖިލީހުން މިވަނީ ގެއްލިފައެވެ. އަދި އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިންތިހާބުވެސް ކާމިޔާބުކުރެއްވީ ރައީސް ސޯލިހުގެ ކެންޑިޑޭޓުންނެވެ.

އިންތިހާބަށްފަހު ރައީސް ނަޝީދުގެ އަޑު އެއްކޮށް ކެނޑިގެންދިޔައެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ބަލި ގަބޫލުކުރައްވައި، "އަމާން" ދެއްވީއެވެ. އެމްޑީޕީގެ ކޮންޓްރޯލް ނަޝީދަށް ގެއްލުނުކަން އެމަނިކުފާނު އަމިއްލަފުޅަށް ގަބޫލުކުރެއްވީ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ.

އޭގެ ފަހުން ފެނިގެން ދިޔައީ ރައީސް ނަޝީދު، ރައީސް ސޯލިހާ އެކު އަލުން މަސައްކަތް ކުރައްވަން ފެއްޓެވި މަންޒަރެވެ. އަދި ސަރުކާރުގެ ކަންކަމުގައި އެއްބާރުލުން ދެއްވައި ރައީސް ސޯލިހަށް ތައުރީފު ކުރައްވާ މަންޒަރުވެސް ދިޔައީ ފެނިގެންނެވެ.

"ހައެއް ފަހެއް" ގެ ހަމަލާއަށް ފަހު ރާއްޖެ ވަޑައިގެން ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު އަނެއްކާވެސް ވަނީ ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވައިފައެވެ. ނަމަވެސް އެމަނިކުފާނުގެ ރާގު ވަނީ މުޅީންހެން ބަދަލުވެފައެވެ. ބަރުލަމާނީއާ ގުޅޭ އިތުރު ވާހަކަތައް ކުރިއަށް ގެންދަވާނީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އެދުވަހު ވަނީ ވިދާޅުވެފައެވެ.

އެހެނަސް އެމަނިކުފާނުގެ އެ މަސައްކަތް ދިޔައީ ކުރިއަށެވެ. އެގޮތުން ޕާޓީތަކުގެ އިސް ލީޑަރުންނާ ބައްދަލުކުރައްވައި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ. އަދި 2023 ގައި ރިޔާސީ އިންތިހާބެއް ނެތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަދިވެސް މި ބަހުސް ނުނިމެއެވެ. ބަރުލަމާނީ ބަހުސް އަދިވެސް އޮތީ ކުރިއަށެވެ. ދެ ރައީސުންގެ ދެމެދުގައި ރޯވި ހުޅުގަނޑު އަދިވެސް ދަނީ އަނދަމުންނެވެ. އެހެންކަމުން އަންނަ އަހަރު ރާއްޖޭގެ ސިޔާސީ މައިދާނަށް އަންނާނެ ބަދަލަކީ ކޮބައިކަން ބަލަން އެންމެންވެސް ތިބީ ފާރަވެރިވެގެންނެވެ.