ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ފޯމު ހުށަހެޅި ތިން ކެންޑިޑޭޓުންގެ ފޯމު އިލެކްޝަން ކޮމިޝަން (އީސީ) އިން ބަލައިގެންފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ތިން ޕާޓީއަކުން ވާދަކުރެއެވެ. އެއީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ. އެމްޑީޕީން ވާދަކުރަނީ، މުހައްމަދު ރާޝިދެވެ. ޕީޕީއެމުން މޫސާ ފަތުހީ އަދި އެމްއެންޕީން ވާދަކުރަނީ އަބްދުލް ހަންނާން އިދުރީސެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް "ވަން" އަށް މިއަދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވެފައިވާއިރު، އެ ދާއިރާއަށް ވާދަކުރަން ފޯމު ހުށަހެޅި ތިން ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގެންފައިވާ ކަމަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ދޫކުރުމަށް ގުރު ނެގުން މާދަމާ ރޭ އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މާދަމާ ރޭ 9:00 ގައި ގުރުނެގުން މިއޮތީ. ގުރު ނެގުން ކުރިއަށްގެންދާނީ އިންތިހާބާ މެހޭ މައި މަރުކަޒު، ބާ ޖަމާލުއްދީނުގައި،" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ބައި އިލެކްޝަންގެ ކަންކަން ކުރިއަށް ގެންގޮސް ނިންމާލުމަށް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކުރިއަށްގެންދިއުމަށް އީސީން ނިންމާފައި އޮތީ، އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީ ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެނެވެ.