އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިން އާއި އޭނޭގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރަށް ނިސްބަތްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާ ކޮށްދިނުމަށްއެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ އެ މައްސަލަ ޕީޖީ އޮފީހަށް ބަލައިގަނެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އޭނާ އޭރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ.
ނަމަވެސް އެކަމުގައި ޝައްކުތަކެއް އުޅޭތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއެވެ. ފުލުހުން އެ މަރާ ގުޅިގެން އަދި މިހާތަނަށް މާގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މޭރީ މަރުވީ ދަންޖެހިގެން ކަމަކަށް ނުބެލެވޭ ކަމަށާއި، ބޮޑަށް ބެލެވެނީ އަނިޔާތަކެއް ކުރުމަށްފަހު މަރާލީ ކަމަށެވެ. އޭނާގެ ޕޯސްޓަމުގައި ވެސް ވަނީ އެގޮތަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހަކު މީގެ ކުރިން "ވަން" މައުލޫމާތު ދެމުން ބުނެފައިވަނީ ލަމްހާ އާއި މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮންނަކަން މޭރީ އަށްވެސް އެނގޭ ކަމަށެވެ. އެކަމުގެ ސަބަބުން މޭރީ އާއި މާވިން ގުޅުން ގޯސްވިޔަސް ލަމްހާ އާއި މާވިންގެ ގުޅުމަށް އަސަރު ނުކުރާކަމަށް އޭނާ ބުންޏެވެ.
މޭރީގެ ފިރިމީހާ އާއި ލަމްހާއާ ދެމީހުން ފާޅުގައި ހޮސްޕިޓަލް ތެރޭގައްޔާއި ބޭރު ތެރޭގައިވެސް އުޅޭ ކަމަށާއި ފަހުންފަހުން އައިސް މޭރީއާ ހަޑިހުތުރު ބަހުން މުއާމަލާތް ވެސް ކުރާ ކަމަށެވެ. މޭރީވެސް ލަމްހާއާ ޒުވާބު ކުރާ ކަމަށް "ވަން" އަށް މައުލޫމާތު ދިން އެ ނަރުސް ބުންޏެވެ.
އެ ނަރުސް ބުނީ ކޮންމެ ގޮތަކުން ވިޔަސް، ލަމްހާ ހާސިލުކުރުމަކީ މޭރީގެ ފިރިމީހާ އިންތިހާއަށް ބޭނުންވެފައި ހުރި ކަމެއްކަން ގިނަ ބަޔަކަށް އެނގޭ ކަމަށެވެ. އޭނާ އާއި ލަމްހާއާ ދެމެދު އޮތް ގުޅުމަކީ ސިއްރު ގުޅުމެއް ނޫން ކަމަށާއި އެ ދެމީހުންގެ ގުޅުން ފަހުން ފަހުން އޮތީ "އޯޕަން" ކޮށް ކަމަށް ވެސް ބުންޏެވެ.
މޭރީ މަރުވި ދުވަހު މޭރީގެ ދަރިފުޅު ގޮވައިގެން ލަމްހާ ގެއިން ބޭރަށް ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ މޭރީ މަރުވުމުގެ ހާދިސާގެ އިރުކޮޅެއް ކުރިއެވެ. ދިވެހި ނަރުހުގެ ފޯނަށް މޭރީ ގުޅި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ފަހުން އެ ދެމީހުންގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށްވެސް އަޑު އިވިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ލަމްހާ އޭގެ ފަހުން މޭރީއަށް "ގުޑްބައި" ޖަހާފައި މެސެޖެއް ކުރި ކަމަށްވެސް ވާހަކަ ދެކެވޭ ކަމަށް އޭނާ ބުންޏެވެ. އެފަދަ މެސެޖެއް ފޮނުވި ނަމަވެސް، އެއީ ނުބައި މާނައެއްގައި ފޮނުވި މެސެޖަކަށް ނުވެ ހިނގައިދާނެ ކަމަށްވެސް ބުނެޏެވެ.
"ވަން" އާ ވާހަކަ ދެއްކި އިތުރު މީހަކު ބުނީ މޭރީގެ ފިރިމީހާ، ލަމްހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް ރުންކުރު ގޮތެއް ހުރުން ފިޔަވައި އެހެން ކަމެއް އޭނާގެ ފަރާތުން ފާހަގަވެފައި ނުވާ ކަމަށެވެ. ހޮސްޕިޓަލް ތެރެއިންވެސް މޭރީއާ ދިމާލަށް ބާރަށް ވާހަކަ ދައްކާނީ ދިވެހި އަންހެންމީހާ އާ ދިމާލަށް މޭރީ އެއްޗެއް ބުނެފި ނަމަ އެކަނި ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު