ޕްރެސިޑެންޓްސް ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު ވެލެންސިއާއިން އެޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާގެ ހަމައެކަނި ގޯލު ޖަހައިދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ.

ވެލެންސިއާއިން މިހާތަނަށް ޕްރެސިޑެންޓްސް ކަޕްގައި ކުޅުނު ތިން މެޗުވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. ފުރަތަމަ މެޗުން ވެލެންސިއާ ވަނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، 5-0 އިން ބަލިކޮށްފައެވެ. ދެ ވަނަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ވެލެންސިއާ މޮޅުވީ 3-1 އިންނެވެ. އަދި މިއަދު ވަނީ ދަ ގްރާންޑޭ އަތުން 1-0 އިން މޮޅުވެފައެވެ.

ލީގު ބުރުގައި މިހާތަނަށް ވެލެންސިއާ އާއި ދަ ގްރާންޑޭ ނޫން ކޮންމެ ޓީމެއް ކުޅުނީ ދެ މެޗެވެ. ތިން މެޗުން ވެސް މޮޅުވި ވެލެންސިއާ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި މާޒިޔާ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ، ހަ ޕޮއިންޓާ އެކުގައެވެ. ތިން ވަނައިގައި އޮތް ގްރީން އާއި ހަތަރެއްގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ފަސްވަނައިގައި އޮތް ޓީސީއަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައިވެސް ވަރުގަދަކޮށް ފެނުނީ ވެލެންސިއާއިންނެވެ. އެޓީމުން ވަނީ ޑޮމިނޭޓްކޮށް، އެޓޭކުތަކަކަށް ފުރުސަތު ފަހިކޮށްފައެވެ. އެގޮތުން ސެންޓޭ އާއި ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ. އެ ފުރުސަތު ތަކުގައި ދެ ފޯވަޑުންނަށްވެސް އެންމެ ރަނގަޅު ހަމަލާތައް އުފެއްދިފައެއް ނުވެއެވެ.

މެޗުގައި ވެލެންސިއާއިން ޖެހި ހަމައެކަނި ގޯލު ފެނުނީ ދެވަނަ ހާފުގައެވެ. މެޗުގެ 77 ވަނަ މިނެޓްގައި ސެންޓޭ އެގޯލު ޖެހީ، ސްޕެއިން ފޯވަޑް ބޯހަސް ހުރަސްކޮށްލި ބޯޅައަކުންނެވެ. ބޯހާސް ހުރަސް ކޮއްލި ބޯޅަ، ހަމަޖެހިލާފައި ސެންޓޭ ގޯލަށް ފޮނުވާލީ ވޮލީ އަކުންނެވެ. އަނިޔާގެ ސަބަބުން ވެލެންސިއާގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) މިއަދުގެ މެޗުގައި ވެސް ނުކުޅެއެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.