ވޭތުވެދިޔަ ތަނުގައި އައި ހުރިހާ ސަރުކާރަކުން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ މަޝްރޫއުތަކަށް އެ ސަރުކާރުތަކަށާއި ވެރީންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިހާރު ފެނާއި ނަރުދަމާ ގާއިމު ނުކުރެވި އޮތް ރަށްތަކުގައި އެ މަސައްކަތް ކުރުމަށް ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ, ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ކަމުގައި ބުނެލަން ފަސޭހަޔަސް އެއީ ބުރަ ބޮޑު އަދި ގިނަ ފައިސާ ހަރަދުކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަތަނުގައި އައި ހުރިހާ ސަރުކާރަކަށް ނިންމިފައި ވަނީ 69 ރަށުގެ ނަރުދަމާ އާއި 37 ރަށެއްގެ ފެނުގެ ނިޒާމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ހުރިހާ ސަރުކާރުތަކަށާއި ވެރިންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

"ސަބަބަކީ އެބޭފުޅުން އެކަން ކުރައްވާފައި ނުވި ނަމަ ބާކީ މުޅި ރާއްޖެ އެކުއެކީ, އެއްފަހަރާ ނިންމާލުމަށް ކޮންމެވެސް ވަރެއްގެ އިތުރު ތަކުލީފެއް އަޅުގަނޑުމެން އުފުލާން ޖެހުނީސް. ސުމަކުން ފަށަން ޖެހުނު ނަމަވެސް މިކަމަކީ ދޫކުރާނެ ކަމެއް ނޫން. ސަބަބަކީ ހަމަ ހަގީގަތުގައިވެސް ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެ," ރައީސް ވިދާޅުވިއެވެ.

މިއަދަށްފަހު ރާއްޖެ ފުރޮޅި އިންގިލާބު ވެގެން ދަނީ ތަރައްގީގެ މުޅިން އެހެން މަރުހަލާއަކަށް ކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ, މިއަދަށްފަހު ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ނުކުރެވޭ މީހުން ދިރިއުޅޭ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އަދި އެއީ އެމަނިކުފާނު އެންމެ ފުރަތަމަ ދައްކަވައި, ވައުދުވެވަޑައިގެންނެވި ކަންތައް ކަމަށްވެސް ވިދާޅުވިއެވެ.