ހުޅުމާލޭން ބިން ވިއްކުމަށް އެޗްޑީސީން އިއުނާލު ކޮށްފައިވާއިރު، ހުޅުމާލެ ބިމުގެ މައްސަލައަކީ ކޯޓުގައި އޮތް މައްސަލައެއް ކަމަށާއި، އެހެންކަމުން ހުޅުމާލޭން ބިން ނުވިއްކޭނެ ކަމަށް މާލޭސީޓީކައުންސިލުން ބުނެފިއެވެ.
މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި، ޑެޕިއުޓީ މޭޔަރު މާފަންނު މެދު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ނަރީޝް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލު ކުރި ނިންމުން ކޯޓުން އަދި ބާތިލު ނުކުރާ ކަމަށެވެ. ހަމައެކަނި ކޯޓުން ނިންމީ އެ ނިންމުމަށް އަމަލު ކުރުން ފަސްކުރަން ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެޗްޑީސީގެ ކަންތަކުގައި ސިވިލްކޯޓުން ނިންމި ނިންމުން އިއްޔެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާކަމަށެވެ.
"އަޅުގަނޑު ދެކެނީ އެއީ މާލޭ ސިޓީގެ އިހުތިސޯސްގައި ހިމެނޭ ތަނަކަށް ވާނީ އެކަމުގައި މާލޭ ސިޓީގެ މެއިންޑޭޓް އޭގައި ހިމެނޭނެ ކަމަށް، ނަމަވެސް އެއީ ކޯޓުގައި އޮތް މައްސަލައަކަށްވާތީ އެއަށް އެއްޗެއް ދަންނަވާކަން ނެތީން އެހެން ނަމަވެސް މިބަލަނީ ކޯޓުގެ ތެރެއިން އަޅުގަނޑުމެންނަށް އެކަމަށް ފަރުވާއެއް ލިބިގެންދާނެ ކަމަށް،" ނަރީޝް ވިދާޅުވިއެވެ.
އެޗްޑީސީން ބިން ވިއްކަން ނިންމި ނިންމުން ހުއްޓުުމަށް ކޯޓަށް ދިއުމަށްވެސް މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ހުށަހެޅުއްވިއެވެ.
އެކަމާ ގުޅިގެން ނަރީޝް ވިދާޅުވީ، އެ މައްސަލައަށް ރަނގަޅު ފަރުވާއެއް ލިބޭނެ ކަމަށް ވަކީލުންގެ ޓީމުންވެސް ބުނެފައިވާ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީން 60 ބިން ވިއްކަން އެޗްޑީސީން ވަނީ ބީލަން ހުޅުވާލައިފައެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލާފައިވަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ 60 ބިމެއް ކަމަށެވެ. އެބިންތައް ވިއްކުމަށް ޓަކައިި ބީލަން ވިއްކަން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
ބިންތަކާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ކަމަށާއި ބީލަން ފޯމުތައް ވިއްކަނީ 500 ރުފިޔާއަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ބީޗް ފްރޮންޓާއި ބީޗް ސައިޑަށް ވަކިން ހާއްސަކޮށް ދެ ބީލަން ފޯމެއް އެޗްޑީސީން ވަނީ ތައްޔާރުކޮށްފައެވެ. ބީޗް ފްރޮންޓު ސައިޑުން ވިއްކުމަށް ހަމަޖެހިފައިވަނީ 26 ގޯއްޗެކެވެ. އަދި ބީޗު ސައިޑުން ވިއްކުމަށް ހަމަޖެހިފައިވަނީ 34 ހަތަރު ގޯއްޗެކެވެ.
ބިން ގަތުމަށް ބީލަން ހުށަހެޅުން އޮންނާނީ ނުވައެއް ފެބްރުއަރީ އަދި 16 ފެބްރުއަރީގައެވެ. އަދި ބީލަމަށް ހުޅުވާލުން ވެސް ހަމަ އެ ދެދުވަހު އޮންނާނެ ކަމަށާއި ބީލަން ފޮތް ގަތުމާއި މައުލޫމާތު ސާފުކުރުމުގެ މަރުހަލާ އީމެއިލް މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ބީޗް ފްރޮންޓާއި ބީޗް ސައިޑުގެ ބިންތަކަށް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރެޓީ ގޮތުގައި 320،000 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދެ ވަނަ ފިޔަވަހިން ބިން ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކަށާއި މަގުތަކާއި އަދި އެހެނިހެން އިޖުތިމާއީ އުމްރާނީ ބޭނުންތައް ފުރިހަމަކުރަން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް