ޚަބަރު

މާފުށި ފުޓްބޯޅަ ދަނޑު ރައީސް ހުޅުވައިދެއްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކ. މާފުށި ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވައިފިއެވެ.

އިއްޔެ އޮތް މާފުށި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާފުށި ދަނޑު ހުޅުއްވައިދެއްވުމަށްފަހު ރައީސް ސޯލިހު ވަނީ މާލޭ ވެޓެރަންސް ޓީމާއި މާފުށީ ޓީމުގެ މެދުގައި ކުޅުނު ފުޓުބޯޅަ މެޗުގެ ބައްލަވައިލައްވައިފައެވެ. މިނިސްޓަރު މަހުލޫފް ވަނީ ރައީސް ސޯލިހު ދަނޑު ހުޅުވައިދެއްވިކަމަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މަހްލޫފް ވިދާޅުވީ ދަނޑުގައި ފެންސް ޖެހުމަށް ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށާއި އަދި ލައިޓިން ސިސްޓަމް ހަރުކުރުމަށް ޔޫތު މިނިސްޓްރީން އިއުލާނު ކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހު މިއަދު މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ކ މާފުށީ ޕިކްނިކް އައިލެންޑް، "ވައްމާފުށި" އެރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ. އަދި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ. ރަށުގެ ބައެއް މުހިންމު ސަރަހައްދުތަކަށްވެސް ރައީސް ވަނީ ވަޑައިގެންފައެވެ.

މީގެ އިތުރުން މާފުށި ޖަލަށް ވަޑައިގެން އެތަނުގެ ހާލަތުވެސް އެމަނިކުފާނު ވަނީ ބައްލަވައިލައްވައިފައެވެ. އަދި އެރަށުގެ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެ މަރުކަޒުގެ މުވައްޒަފުންނާއި އިސްވެރިންނާވެސް ރައީސް ވަނީ ބައްދަލުކުރައްވައިފައެވެ.