އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗަކީ ޔުނައިޓެޑުން މިދިޔަ ދެ ހަފުތާ ތެރޭގައި ކުޅުނު ފުރަތަމަ މެޗެވެ. އެޓީމުގެ ތެރޭގައި ކޮވިޑްގެ ކޭސްތައް ގިނަވެ ޓްރެއިނިން ސެންޓަރުވެސް ދުވަސްތަކަކަށް ބަންދުކޮށްފައި ވެއެވެ. މެދު ކެނޑުމަކަށް ފަހު ރޭގެ މެޗުތަކަށް ޔުނައިޓެޑު ނުކުތީ ތިން ޕޮއިންޓަށް މުހިއްމު ވެފައި އޮވެގެންނެވެ. އެހެން ނަމަވެސް އެކަން ހާސިލު ކުރުންވީ އުނދަގޫ ކަމަކަށެވެ.
އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު ފްރާންސް ޑިފެންޑަރު ރަފޭލް ވަރާން ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައެވެ. އެ ހިތްހަމަ ޖެހުމުގައި ޔުނައިޓެޑުން ރޭގެ މެޗު ފެށި ނަމަވެސް ކުރީކޮޅުގައި ނިއުކާސަލްއިން ލީޑު ނެގިއެވެ. މެޗުގެ ހަތްވަނަ މިނިޓްގައި ނިއުކާސަލްއަށް ލީޑު ނަގައިދިނީ އެލަން ސެއިންޓް-މެކްސިމައިންއެވެ.
އޭގެ ފަހުންވެސް ފުރަތަމަ ހާފުގައި ނުރައްކާކުރީ ނިއުކާސަލްއެވެ. އޭރިއާބޭރުން ޖޮންޖޯ ޝެލްވޭ ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި އިރު، ސެއިންޓް-މެކްސިމައިންގެ އިތުރު ހަމަލާއެއްވެސް ޑެހެއާ މަތަކުރިއެވެ.
ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑުން ޕްރެސިން ރަނގަޅު ކުރިއެވެ. ކޯޗު ރާފް ރަންގްނިކްގެ ސްޓައިލު ކޮންމެވެސް ވަރަކަށް ޔުނައިޓެޑުގެ ކުޅުމުން ފެނުނު އިރު، އެޓީމުން ނަތީޖާ ހަމަހަމަ ކުރީ 71 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޔުނައިޓެޑަށް ގޯލް ޖަހައިދިނީ ކަވާނީއެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ ރޭގެ މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނު ކުޅުން އޭނާ އަށް އެއްވެސް ވަރަކަށް ކަމުނުދާ ކަމަށާއި މުޅި މެޗަށް ބަލާއިރު ވެސް ކޮންޓްރޯލް ކޮށްގެން މެޗުން މޮޅުވުމުގެ ރޫހެއް ޔުނައިޓެޑްގެ ކިބައިން ނުފެނުނު ކަމަށެވެ.
"އަހަރެމެން ޝަކުވާކޮށް ނޫނީ މޮޅުނުވެވުނު އުޒުރުތަކެއް ދެއްކުމުގެ ބޭނުމެއް ނެތް. އަހަރެމެން ޖެހޭނީ އަމިއްލަ ނަފުސަށް ބަލައިގެން. ގޯސްކޮށް ކުރެވުނު ކަންތައްތައް ރަނގަޅުކުރަން،" ރަންގްނިކް ބުންޏެވެ.
ރޭގެ ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ލީގުގެ ހަތް ވަނައިގައެވެ. އެޓީމަށް 17 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، މެޗުން ލިބުނު ޕޮއިންޓާއެކު ނިއުކާސަލް އޮތީ 19 ވަނައިގައެވެ. އެޓީމަށް 19 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު