އަންނަ އަހަރުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރާއްޖެއަށް ޒިޔާރަތްކުރި 1.3 ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ވަޑައިގެން މީޑިއާތަކާ ބައްދަލުކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށާއި އަންނަ އަހަރަށް ޓާގެޓް ކުރަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

ޑރ. މައުސޫމް ވިދާޅުވީ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ރާއްޖެއަށް ގެންނަން ކަނޑައަޅާފައިވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ ބަޖެޓަށް ވުރެ ހަތަރު ލައްކަ އިތުރު އަދަދެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑްގެ ސަބަބުން މިދިޔަ ދޮޅު އަހަރު ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ގެއްލުންތަކެއްވެފައިވާ ކަމަށާއި އެ ދާއިރާގެ ވިޔަފާރިވެރިންނަށް ލިބުނު ގެއްލުންތަކުން އަރައިގަނެ ހިންދަމައި ލެވުނީ މިއަހަރު ކަމަށެވެ.

މިއަހަރު 1.3 ވަނަ ފަތުރުވެރިއަކަށް ރާއްޖެ އައިސްފައިވަނީ ރުމެނީއާގެ ރައްޔިތެއް ކަމަށްވާ ކޮންސްޓެންޓައިން ސްޓޭލިއަން އެމިލްއެވެ. އޭނާ އައީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ބަނޑޮސް އައިލެންޑް ރިސޯޓަށެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ މީގެ ފަސް އަހަރު ކުރިން ހަނީމޫނަށެވެ.

ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިއްޔެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެއަށް 7,098 ޓޫރިސްޓުން އައިސްފައިވެއެވެ. މިއީ މިއަހަރުގެ ތެރޭގައިވެސް 7000 ޓޫރިސްޓުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެއް ދުވަހާ އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއީ 6,955 ފަތުރުވެރިންނެވެ.